ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހައްޔަރުކުރި އިންޑިއާ ދެ މީހުންގެ މައްސަލައާ ގުޅިގެން ދެފުށް ފެންނަ ތަހުގީގެއް ކުރުމަށް ގޮވާލައި ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިިފިއެވެ.

މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުއެވެ.

އެ ކުއްލި މައްސަލަ ބައިގަތުމަށް ފެންނަ ކަމަށް 6 މެމްބަރުން ވޯޓު ދެއްވިއިރު، 34 މެމްބަރުން ވޯޓު ދީފައިވަނީ އެ ކުއްލި މައްސަލަ ބަލައިނުގަތުމަށެވެ.

ސިއްރު ކެމެރާތަކެއް ބޭނުންކޮށްގެން ވީއައިއޭގައި ޖާސޫސް ކުރަން އުޅެނިކޮށް އިންޑިއާގެ ދެ މީހަކު އަތުލައިގަތީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

ސައީދު ހުށަހެޅި ކުއްލި މައްސަލައިގައި ބުނީ މިހާދިސާ ހިނގުމަށްފަހު އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ރާއްޖެ އައިސް ހައްޔަރުކޮށްފައިވާ ދެމީހުން ދޫކޮށްލުމަށް އެދިފައިވާ ކަމަށާއި އަދި މިބައްދަލުވުމަށްފަހު ފުލުހުން މިހާދިސާގެ އަސްލު ރިޕޯޓުގެ ބަދަލުގައި އެހެން ރިޕޯޓެއް ނެރުނު ކަމަށެވެ.

އެ މީހުން ވީޑިއޯ މެދުވެރިކޮށް އެއާޕޯޓުގެ ކަންކަން ލައިވްކުރި ކަމަށާއި ޖާސޫސް ކުރުމުގެ ހެކި ފުލުހުން ވެސް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.

އެކަމުގެ ސަބަބުން އެއާޕޯޓުގެ ސެކިއުރިޓީ ކަށަވަރު ނުކުރެވި ރާއްޖޭގެ އިގްތިސާދަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ވެދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވަނީ ހާދިސާގެ ދެފުށްފެންނަ ތަހްގީގެއް ހިންގުމަށާއި، މިކަމާބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކުރުމަށް ގޮވާލާފައެވެ. އަދި މިހާރުން މިހާރަށް އެއާޕޯޓުގެ ސަލާމަތީ ކަންތައްތައް އިތުރަށް ވަރުގަދަކޮށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ވެސް ސައީދު ވަނީ ސަރުކާރަށް ގޮވާލާފައެވެ.