މިއީ ހަނގުރާމައެއް ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް، މިހާރު އުޒުބަކިސްތާނުގައި ކުރިއަށް ދާ ޝެންގްހައި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އަށް އިންޑިއާގެ ރައީސް ނަރެންދްރަ މޯދީ ދަންނަވައިފިއެވެ. އަދި މިވަގުތަށް މުހިންމީ މަޝްވަރާއިން ހައްލު ހޯއްދެވުން ކަމަށް ވެސް މޯދީ ވަނީ ޕުޓިން އަށް ދަންނަވާފައެވެ.

ސަމިޓުގެ ރަސްމީ މަޝްވަރާގެ ހަވާސާގައި ދެގައުމުގެ ވެރިން ބޭއްވެވި ބައްދަލުވުމުގައި މޯދީ އެހެން ދެންނެވުމާއެކު، ޕުޓިން ވިދާޅުވީ، ރަޝިއާއިން ވެސް ބޭނުންވަނީ ޔޫކްރައިން ހަނގުރާމަ ވީހާ އަވަހަކަށް ނިންމަން ކަމަށެވެ. އަދި ޔޫކްރައިން މައްސަލައިގައި އިންޑިއާގެ ވިސްނުމާއި ކަންބޮޑުވުން އެނގިވަޑައިގަންނަވާ ކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.

ޕުޓިން އިތުރަށް ވިދާޅުވީ، ރަޝިއާއިން މަޝްވަރާ ބޭނުންވި ނަމަވެސް ޔޫކްރައިން އިން އެކަމަށް ދެކޮޅު ހަދާ ބޭނުންވީ، ހަނގުރާމަ ކޮށް، ހަނގުރާމައިގެ މައިދާނުން ނަތީޖަ ހޯދަން ކަމަށެވެ.

ސަމިޓުގެ ހަވާސާގައި ދެގައުމުން ވަނީ، ސަރަހައްދީ މައްސަލަތަކާއި ދުނިޔޭގެ މައްސަލަތަކާ ބެހޭގޮތުންވެސް ވާހަކަ ދައްކާފައެވެ. އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމާއި، ތެލާއި ބޭހާއި އެނޫންވެސް ޒަރޫރީ ބޭނުންތަކުގެ ރައްކާތެރިކަން ކަަށަވަރު ކުރުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ދެބޭފުޅުން ވާހަކަ ދެއްކެވިއެވެ.

ފިނި ހަނގުރާމައަށް ފަހު، ގާތް ގުޅުމެއް އޮންނަ މި ދެގައުމުގެ ދެމެދުގައި މިދިޔަ އަހަރު 8 ބިލިއަން ޑޮލަރުގެ ވިރަފާރި ކޮށްފައި ވާއިރު، ރަޝިއާ އަކީ އިންޑިއާއަށް ހަތިޔާރު ގަންނަ އެންމެ ބޮޑު ގައުމުވެސް މެއެވެ. މީގެ އިތުރުން މިހާރު ޔޫކްރައިންގައި ހިނގަމުން ދާ ހަނގުރާމައާ ގުޅިގެން، ތެޔޮ ލިބުން ދަތިވެ އިންޑިއާގެ ހަކަތައިގެ ސިނާއަތަށް ލޮޅުން އަޔަ ނުދީ ހިފަހައްޓަނީވެސް ރަޝިއާއިންނެވެ.

ޗައިނާއާއި ކަޒަގިސްތާނާއި ކިރިގިސްތާނުގެ އިތުރުން ރަޝިއާ އާއި ތަޖިކިސްތާނު އަދި ޗައިނާއާއި ޕާކިސްތާނާއި އިންޑިއާ ބައިވެރިވާ އެސްސީއޯ އަކީ ސަރަހައްދުގެ ސަލާމަތާއި އިގުތިސޯދާއި އަދި ސިޔާސީ މަސްލަހަތުތަކުގެ މައްޗަށް އެ ގައުމުން އެއްބަސްވެ ހަދާފައި އޮންނަ ކޯޕަރޭޝަނެކެވެ. މި ކޯޕަރޭޝަންގައި އީރާނުންވެސް މިއަހަރުގެ ތެރޭގައި ބައިވެރިވާނެ ކަމަށް ހަބަރުތައް ބުނެއެވެ.

އިއްޔެ ފެށި، އަދި މިއަދު ނިންމާ މިސަމިޓުގައި ޕުޓިން އާއި ޗައިނާގެ ރައީސް ޝީ ޖިންގްޕިން ގެ ބައްދަލުވުމުގައި ވެސް ޔޫކްރައިން ހަނގުރާމައާ ގުޅިގެން ޗައިނާގެ ސްޓޭންޑް ޝީ ވަނީ ހާމަ ކުރައްވާފައެވެ.

ރޫކްރައިން ހަނގުރާމަ އާ ގުޅިގެން ޗައިނާގެ ހުރި ކަންބޮޑުވުން އެނގިވަޑައިގަންނަވާ ކަމަށާއި، ޗައިނާއިން ގެންގުޅޭ މެދުމިނުގެ ސިޔާސަތަށް ތާއީދު ކުރައްވާ ކަމަށް ޕުޓިން ވިދާޅުވުމުން ޝީ ވިދާޅުވީ، ދުނިޔެއަށް ހަމަޖެހުން ގެނެސް، ބޮޑެތި ބާރުތަކުގެ މެދުގައި ހަމަޖެހުން ގާއިމު ކުރުމަށް ރަޝިއާ ގުޅިގެން ޗައިނާއިން މަސައްކަތް ކުރަން ތައްޔާރު ކަމަށެވެ.