ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރާ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ މައްސަލާގައި ފިޔަވަޅު އެޅުމުގައި ވަކި ގައުމެއްގެ ކުންފުންޏަކަށް ވީތީ ތަފާތު ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން މިއަދު ދީފި އެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު ފަރަށް އެރި އެ ޕްލެޓްފޯމް ފުންކުރެވުނީ އޭގެ 12 ދުވަސް ފަހުންނެވެ. އެހެންނަމަވެސް އިންޑިއާގެ ވަރަށް ބޮޑު އެހީއަކާއެކު އަޅާ ބްރިޖަކަށްވުމާއެކު ލިބުނު ގެއްލުމަށް ފިޔަވަޅުއަޅަން ފަސް ޖެހޭކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތުކުރަމުންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ ވަކި ކުންފުންޏަކަށް ވީތީ ނުވަތަ ވަކި ގައުމަކަށް ވީތީ ވަކި ގޮތަކަށް ގާނޫނު ނުހިނގާނެ ކަމަށާއި އަޅަންޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަމަށާއި ސަރުކާރަކުން ނޫނީ އެންވާރަމަންޓް މިނިސްޓްރީން ނޫންކަން ފަހަގަކުރައްވާ މިއުވާން ވިދާޅުވީ ވަކިގޮތެއް ހަދަން ނުވަތަ ވަކިގޮތެއް ނުހަދާކަށް ސަރުކާރުން އިރުޝާދެއް ނުދޭނެ ކަމަށެވެ.

މިއުވާން ވިދާޅުވީ ޕްލެޓްފޯމުގެ ސަބަބުން ވިލިމާލެ ފަރަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް އީޕީއޭއިން ހަދަމުން ދިޔަ ރިޕޯޓު މަސައްކަތް ކުރިޔަށްދާ ކަމަށާއި އެ ރިޕޯޓްތަކަކީ ދެ ފަރާތުގެ ކޮމެންޓު ބޭނުންވާނެ ކަންކަންކަމުން ރިޕޯޓު ތައްޔާރު ކޮށް އެފްކޯންސްގެ ކޮމެންޓަށް ފޮނުވާފައިވާ ކަމަށެވެ.