އިންޑިއާގެ އުއްތަރް ޕްރަދޭޝްގައި ދެ އަންހެން ކުއްޖަކު ކިޑްނެޕް ކޮށް، ރޭޕްކޮށްފައި ވާ ކަމަށް ބަލައި ގެއްލިގެން ހޯދަމުން ދަނިކޮށް، އެ ދެކުދިން ގަހެއްގައި ދަންޖައްސާފައި ހުއްޓާ ފެނިއްޖެއެވެ.
ފުލުހުން ބުނީ، އެ ދެކުދިން ވަގަށް ނަގާ، ރޭޕްކޮށްފައި ވާކަމަށް އެ ދެކުދިންގެ އާއިލާއިން ހުށަހެޅި މައްސަލައަކާ ގުޅިގެން ހޯދަމުން ދަނިކޮށް ފެނުނީ، އުއްތަރް ޕްރަދޭޝްގެ ލަކިމްޕޫރުން ކަމަށާއި ފެނުނު އިރު ހުރީ ގަހެއްގައި ދަންޖައްސާފައި ކަމަށެވެ.
އެ މައްސަލަ އާ ގުޅިގެން 6 ފިރިހެނަކު ހައްޔަރު ކޮށްފައި ވާއިރު، އެ ދެކުދިންގެ ހަށިގަނޑު ވަނީ ޕޯސްޓްމޯޓަމް ހަދަން ފޮނުވާފައެވެ.
އުމުރުން 18 އަހަރުވެސް ނުވާ މި 2 ކުދިންނަކީ ހިންދޫންގެ ތެރޭގައި އޮންނަ ތަފާތު ކުރުމުގެ ތެރޭގައި ހިމެނޭ ދަލީތް ދަރިކޮޅަށް ނިސްބަތްވާ ދެ ކުދިންނެވެ. ތަފާތު ކުރުން ބޮޑުވެ، އެކި ބާވަތުގެ ލާއިންސާނީ އަނިޔާއާ ކުރިމަތިލާން ޖެހޭ ދަލީތް ދަރިކޮޅުގެ އިތުރު އަންހެނަކު 2020 ވަނަ އަހަރު ރޭޕްކުރުމުން ލިބުނު އަނިޔާތަކުގައި އޭގެ 2 ހަފްތާ ފަހުން މަރުވި މައްސަލައެއް މިހާރުވެސް ހިނގަމުން ދާއިރު، މިހާރު ފެންމަތިވި މި މައްސަލައާއެކު އިންޑިއާގައި ވަނީ ނުތަނަވަސްކަން ބޮޑުވެފައެވެ.
2020 ވަނަ އަހަރު، ރޭޕްކޮށް މަރާލީ އުމުރުން 19 އަހަރުގެ އަންހެނެކެވެ. އެ ހާދިސާ އާ ގުޅިގެން، އެކަން ތަހުގީގީ ނަޒަރަކުން ރިޕޯޓް ކުރަން މަސައްކަތް ކުރި ނޫސްވެރިއަކު އަދިވެސް ހުރީ ޖަލުގައެވެ. އޭނާ އެކަމާ ގުޅޭ ހަބަރު ގެނެސްދިނުމާ އެކު، ދައުވާތަކެއް އުފުލާ ޖަލަށް ލާފައި ހުންނަތާ 2 އަހަރު ފަހުން ސްޕްރީމް ކޯޓުން އޭނާ ބެއިލް ގެ ދަށުން ދޫކޮށްލަން އަމުރު ކުރުމުންވެސް އިތުރު ދައުވާތައް ހުރި ކަމަށް ބުނެ، އޭނާ ދޫކޮށްލަން ދެކޮޅު ހަދާ ބަހައްޓާފައި ހުރީ ލަކްނޯ ޖަލުގައެވެ. އެ ހާދިސާ، ނޫސްވެރިޔާ ސިއްދީގު ކައްޕަން ރިޕޯޓު ކުރަން މަސައްކަތް ކުރީ، އެ އަނިޔާވެރި މަރަށް ފަހު، އާއިލާއަށް އެންގުމެއް ނެތި، އެ އަންހެން މީހާގެ ހަށިގަނޑު ފުލުހުން އަންދާލުމާ ގުޅިގެން، އެކަމުގައި ބައިވެރިވަނީ އުއްތަރް ޕްރަދޭޝްގެ ބޮޑުންގެ ދަރިންކަމަށް ވުމާއެކު ކަންތައްތަކެއް ފޮރުވާ ކަމަށް ބަލައިގެންނެވެ.
މި މައްސަލަވެސް ހޫނުވެ، އިންޑިއާގެ އިދިކޮޅު ޕާޓީތަކާއި އިންސާނީ ހައްގުތަކަށް ވަކާލާތުގެ ކުރާ ޖަމާއަތްތަކުގެ އިތުރުން، ނޫސްވެރިންގެ ޖަމާއަތްތަކުން ޖަލުވެރިޔާގެ ނިންމުން ކުށްވެރިކުރަމުން ދަނިކޮށް، އެއް އާއިލާއެއްގެ 2 ކުދިން ދަންޖައްސާފައި ހުއްޓާ ފެނުނު ހާދިސާއާ އެކު، އިންޑިއާގެ އެކި ކަންކޮޅުތަކުގައި ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އުއްތަރް ޕްރަދޭޝް އަކީ އިންޑިއާގެ އެންމެ ބައިބޯ ޝަހަރެވެ. 200 މިލިއަން މީހުން ދިރިއުޅޭ މި ޝަހަރުގައި ގޭންގް ރޭޕް ކުރުމާއި، މާރާމާރީ އާއި އެތައް ކުށެއް ކޮންމެ ދުވަހަކު ހިނގައެވެ.
މިހާދިސާގައި ގެއްލުނު ދެކުދިންގެ މަންމަ ބުނެފައި ވަނީ، ސައިކަލުތަކެއްގައި އައި ބަޔަކު އޭނާއަށް ހަމަލާދީ ދެ ކުދިން ކިޑްނެޕް ކޮށްގެން ގެންދިޔައީ ކަމަށެވެ. ދެން ހޯދަމުން ދަނިކޮށް ފެނުނީ، ދަންޖައްސާފައި ހުއްޓާ ކަމަށްވެސް އެ ކުދިންގެ މަންމައާ ހަވާލާދީ ހަބަރުތައް ބުނެއެވެ.
އެ ސަރަހައްދުގެ ޕޮލިސް ޗީފް، ސަންޖީވް ސުމަން ވިދާޅުވީ، އެ ކުދިން ހޯދަމުން ދަނިކޮށް ފެނުނީ، އުއްދަނޑި ދަނޑެއްގައި ހުރި ގަހަކަށް ނަގާފައި ވަނިކޮށް ކަމަށެވެ.
މިހާދިސާގައިވެސް ތުހުމަތު ވަނީ ބޮޑުންގެ އާއިލާތަކުގެ މީހުންނަށެވެ. އަދި މި ދެކުދިންގެ ހަށިގަނޑުވެސް އާއިލާއަށް އަންގާނުލައި އަންދާލަފާނެ ކަމުގެ ބިރު އެބައޮތް ކަމަށް އާއިލާއިން ބުނެއެވެ.
މި މައްސަލައިގައި އުއްތަރް ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިޔަނާތަށް، ފާޑުކިޔުންތައް އަމާޒުވެފައި ވާއިރު، އިދިކޮޅު ޕާޓީތަކުން ބުނެފައި ވަނީ އޭނާ ހިންގަވަނީ ގާނޫނުތައް ނުހިނގާ ސަރުކާރެއް ކަމަށެވެ.
އިދިކޮޅު ބަހޫޖާން ސަމަޖް ޕާޓީ ޗީފް މަޔާވަތީ ވިދާޅުވި، ސަރުކާރުގެ ސިޔާސަތުގެ ސަބަބުން، ކުށްވެރިން ބިރެއް ނެތި ހަރަކާތްތެރިވާ ކަމަށާއި، ސަރުކާރުން ކަންކަން ތަރުތީބު ކުރާ ގޮތް ގޯސް ކަމަށެވެ.
އިންޑިއާގެ އިދިކޮޅު އެންމެ ބޮޑު ޕާޓީ، ކޮންގްރެސް ޕާޓީގެ އުއްތަރް ޕްރަދޭޝްގެ ސެކްރެޓަރީ ޖެނެރަލް ޕްރިޔަންކާ ގާދީ ވަރްދަނާ ވެސް ވަނީ ޔޫޕީ ސަރުކާރަށް ފާޑުވިދާޅުވެ، ޓީވީތަކުގައި ފާޑުފާޑުގެ އިސްތިހާރު ކުރުމަކުން ޔޫޕީގައި ގާނޫނާއި ގަވާއިދު ތަންފީޒު ނުވާނެ ކަމަށް ވިދާޅުވެފައެވެ.