އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2 ގެ ނަންފުޅުގައި އުމުރާއެއް ވާން އުޅުނު ޔަމަން މީހަކު ސައުދީއަރައްބިއްޔާއިން ހައްޔަރު ކޮށްފިއެވެ.
މުސްލިމެންގެ ނަމުގައި އުމްރާ ވުމަކީ ހުއްދަ ކަމެއް ނަމަވެސް ކާފަރެއްގެ ނަމުގައި އުމްރާއެއް ނުވެވޭނެއެވެ. އަދި ބެނާއާއި އެކި ބާވަތުގެ ސްލޯގަން ޖަހައިގެން އުމްރާ ވުންވެސް އަދި ހައްޖު ވުމަކީވެސް މަނާކޮށްފައި އޮންނަ ކަމެކެވެ.
ރާނީގެ ނަމުގައި އުމްރާ ވާން އުޅުނު މީހާ ފާހަގަ ވީ، މާއްކާގެ ހަރަމްފުޅަށް ވަދެ، "ކްއީން އެލިޒަބަބަތުގެ ނަންފުޅުގައި އުމްރާ ވަނީ ކަމަށާއި، ސުވަރުގޭގެ މަތިވެރި ނިއުމަތް ރާނީއަށް ދެއްވުން އެދޭ" ކަމަށް ލިޔެފައި އޮތް ބެނާއެއް ހިފައިގެން އުޅޭ ވީޑިއޯ ކްލިޕެއް ސޯޝަލްމީޑިއާގައި އާންމު ވި ހިސާބުންނެވެ.
އޭނާގެ ވީޑިއޯ ކްލިޕް ސޯޝަލްމީޑިއަގައި ވައިރަލްވެ، ގިނަ ބަޔަކު ވަނީ އޭނާ ހައްޔަރު ކުރުމަށް ގޮވާލާފައެވެ.
މިކަމާ ގުޅިގެން މައްކާގެ ހަރަމްފުޅުގެ ސެކިއުޓީ ބަލަހައްޓާ އޮފީހުން ބުނީ، ހައްޖާއި އުމްރާގެ ގަވައިދުތަކާ ހިލާފަށް ބެނާއެއް ހިފައިގެން އުޅުނު ޔަމަން އަށް ނިސްބަތްވާ މީހާ ހައްޔަރު ކުރީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އަދި އޭނާއާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށާއި ޝަރީއަތާ ކުރިމަތިލާންވެސް ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.
އިނގިރޭސިވިލާތުގެ ރާނީ އަކީ، އިނގިރޭސިވިލާތާ އެކު ރަސްކަމުގައި ހިމެނޭ 15 ގައުމެއްގެ އެންމެ މަތީ ވެރިޔާ ކަމުގައި ހުންނެވި ފަރާތުގެ އިތުރުން އިންގްލޭންޑްގައި ހުންނަ ދުނިޔޭގެ އެންމެ އިސް ފައްޅީގެ އެންމެ މަތީ ގަވަރުނަރުވެސް މެއެވެ.
ރާނީ ވަނީ މިދިޔަ ބުރާސްފަތު ދުވަހު އަވަހާރަވެފައެވެ. އެކަމަނާ ފަސްދާނުލާން ހަމަޖައްސާފައި ވަނީ މިމަހުގެ 19 ވާ ހޯމަދުވަހުއެވެ.
މައްކާ އަކީ މުސްލިމް ނޫން މީހުން ވަނުން މަނާކޮށްފައި އޮންނަ ރަށެއް ނަމަވެސް، މަދުން ނަމަވެސް މުސްލިމް ނޫން މީހުން ވަގަށް ވަދެ ހަދައެވެ. މީގެ ކުރިން ސައުދީ މުސްލިމަކު އެހީވެގެން މައްކާއަށް އިޒްރޭލު ނޫސްވެރިއަކު ވެއްދި މައްސަލައެއްގައި އެހީވި ސައުދީ މީހާވެސް ހައްޔަރު ކޮށްފައި ވެއެވެ.