ޓުވިޓާ ގަންނަން ބިލިއަނަރު އެލޮން މަސްކް ހުށަހެޅި އަގު ކަމަށް ވާ 44 ބިލިއަން ޑޮލަރަށް ވިއްކަން ޓްވިޓާ ޝެއާ ހޯލްޑަރުން އެއްބަސް ވެއްޖެއެވެ.
މީގެ ކުރިންވެސް 44 ބިލިއަން ޑޮލަރަށް ޓްވިޓާ ވިއްކާ ވާހަކަ އާއި ގަންނަން މަސްކް ޝައުގުވެރިކަން ފާޅު ކުރި ވާހަކަތައް ފެންމަތިވިއެވެ. ނަމަވެސް އެކަން ކުރިއަށް ނުގޮސް މަޑުޖެހުނީ، ޓްވިޓާގެ ތަފާސްހިސާބުތަކާ ގުޅޭ ގޮތުން މަސްކްއަށް އޮޅުވާލައި ދޮގު މައުލޫމާތު ދިން ކަމަށް މަސްކް ތުހުމަތު ކުރުމުންނެވެ. އޭނާ އޭރު ބުނީ، ޓްވިޓާއިން ތަފާސްހިސާބު ހާމަ ކުރީ ބޮޓްތަކާއި ސްޕޭމްވެސް ހިމަނައިގެން ކަމަށާއި އެއާއެކު ޓްވިޓާ ގައުމުގެ ޝައުގުވެރިކަން ދޫކޮށްލާ ކަމަށެވެ.
ނަމަވެސް އެކަން ޓްވިޓާއިން ބަލައިނުގަނެ ކޯޓަށް ދާން ނިންމާ، ޓްވިޓާ ގަންނަން މަސްކް ހުށަހެޅި ގޮތަށް ގަތުމަށް ވަނީ ބަރުއަޅާފައެވެ.
ކޯޓުގައި މިހާރު މައްސަލަ އޮތް އިރު، ޓްވިޓާއިން ބުނީ، ބޮޓްތަކުގެ ތަފާސް ހިސާބު ހުރީ މަސްކް ތުހުމަތު ކުރާ ގޮތަށް ނޫން ކަމަށާއި، އެއީ ޓްވިޓާގައި ޖަހާ އިސްތިހާތުރަކަށް ވަންނަ މީހުންގެ ނިސްބަތުގެ 5 ޕަސެންޓަށް ވުރެވެސް މަދު އަދަދެއް ކަމަށެވެ.
ނަމަވެސް މަސްބް ބުނެފައި ވަނީ އެ އަދަދު ބޮޑުތަނުން މަތިވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ޓްވިޓާއިން ސައްހަ އަދަދުތައް ހިއްސާ ނުކުރާކަމަށެވެ.
ޓްވިޓާ އަކީ މިހާރު 32 ބިލިއަން ޑޮލަރުގެ ކުންފުންޏެވެ.
މަސްކް ހުށަހެޅި އަގަކީ ބޮޑު އަގެއް ނަމަވެސް މިހާރު މައްސަލަ ކޯޓުގައި އޮތުމުން، ދެން ގޮތް ނިންމާނީ ކޯޓުންނެވެ.
ހަބަރުތައް ބުނާ ގޮތުން އަންނަ އޮކްޓޯބަރު މަހު އެމެރިކާގެ ޑެލަވެއާ ކޯޓުގައި އޮންނަ ޝަރީއަތުގައި ނިންމާ ގޮތެއްގެ މައްޗަށް ދެފަރާތުން އަމަލު ކުރަން ޖެހޭނެއެވެ.
ޓްވިޓާ ގަތުމާއި ވިއްކުމުގެ މައްސަލަ ކުރިމަތީގައި އޮތް އިރު، މަސްކް ފެންމަތި ކުރި ސެކިއުރިޓީ އިޝޫސް (ބޮޓް އާއި ސްޕޭމް) ގެ މައްސަލައިގައި ޓްވިޓާގެ ކުރީގެ ހެޑް އޮފް ސެކިއިރިޓީ ޕީޓާ ޒަކޯ ވަނީ އެމެރިކާގެ ސުވާލު ކުރަން އެމެރިކާގެ ސެނޭޓަށް ހާޒިރު ކޮށްފައެވެ.
ޒަކޯ، މީގެ ކުރިން ބުނެފައި ވަނީ މަސްކްގެ ތުހުމަތުތައް ރަނގަޅު ކަމަށާއި ޓްވިޓާގައި ފޭކް އެކައުންޓްތަކާއި ބޮޑުތައް ގިނަ ވުމުގެ އިތުރުން، ޓްވިޓާގެ ސެކިއުރިޓީ ސްޑޭންޑަޑަކީ އެތައް އަހަރެއް ކުރީގެ ސްޑޭންޑަޑެއް ކަމަށެވެ.