ބޮންޑާއި ޓީބިލު ވިއްކި އަދަދު 61 ބިލިއަން ރުފިޔާ އަށް އަރައިފިއެވެ،
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު 51 ބިލިއަން ރުފިޔާގެ މުއާމަލާތްތައް ހިންގާފައި ވެއެވެ.
އޭގެ ތެރޭގައި ފަހުން ދައްކަން ޖެހޭ ދަރަނީގެ ގޮތުގައި ދައުލަތުން މިދިޔަ އަހަރު ރާއްޖޭގައި ވިއްކި 48 ބިލިއަން ރުފިޔާގެ ޓީބިލާއި ސުކޫކު ހިމެނެއެވެ. އެއީ މިދިޔަ އަހަރަށް ވުރެ ތިން ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މި އަހަރުގެ މިހާތަނަށް 28 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވާއިރު، އެއީ މިދިޔަ އަހަރު ނިމުނުއިރު ދައުލަތުން ވިއްކި ޓީބިލަށް ވުރެ ދެ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އިސްލާމިކް އިންސްޓްރޫމަންޓުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ މިހާތަނަށް ވިއްކާފައިވާއިރު، ރާއްޖޭން ބޭރުގައި ވިއްކި ބޮންޑާއި ސުކޫކުގެ އަދަދު ނުވަ ބިލިއަން ރުފިޔާ އަށް އަރާފައިވެއެވެ.
ފިނޭންސުން ވިއްކަނީ ހަތަރު ވައްތަރެއްގެ ޓީބިލެކެވެ. އެއީ:
- 28 ދުވަހުގެ ޓީބިލް
- 98 ދުވަހުގެ ޓީބިލް
- 182 ދުވަހުގެ ޓީބިލް
- 364 ދުވަހުގެ ޓީބިލް
ދައުލަތުން އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުވަމުން ދާ ވަރަކަށް އިންޓަރެސްޓް ރޭޓް ވެސް ބޮޑުވާނެއެވެ.
ދައުލަތުން އެންމެ ގިނައިން ވިއްކާފައިވަނީ އެއް އަހަރު ދުވަހަށް ވިއްކާފައިވާ ޓީބިލެވެ. އެއް އަހަރު ދުވަހަށް ވިއްކި ޓީބިލުގެ އަދަދު 22 ބިލިއަން ރުފިޔާ އަށް އަރާފައިވެއެވެ.
ބޮންޑާއި ޓީބިލުގެ ގޮތުގައި ފައިސާ ނަގަނީ ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށެވެ. މި އަދަދުތައް ކޮންމެ އަހަރަކު އިތުރުވަމުން ދާއިރު، ދައުލަތުގެ ދަރަނި ވެސް ދަނީ އިތުރުވަމުންނެވެ.