ގައުމަށާއި އުފަން ރަށަށް ހިދުމަތް ކުރުމަކީ ކޮންމެ މީހަކަށް މެ ލިބޭނެ ހިތްހަމަ ޖެހެހުމަކާއި އުފަލެއްކަން ޔަގީނެވެ.

އަމިއްލަ އުފަން ރަށަށް ގިނަ ހިދުމަތްތަކެއް ކޮށްދީ، އަދި ކޮށްދެމުން އަންނަ ހއ. މުރައިދޫގެ ދަރިއެއް ކަމުގައި ވާ މުހައްމަދު ނާޝިދަކީ އެފަދަ ލާމަސީލް ނަމޫނާއެކެވެ. ގާތްގަނޑަކަށް 14 ވަރަކަށް އަހަރު ހއ. މުރައިދޫގެ ކަތީބު ކަން ވެސް ކުރެއްވި ނާޝިދަކީ މިހާރު ގާނޫނީ ވަކީލު ކަން ކުރައްވާ ބޭފުޅެކެވެ. ކަތީބު ކަން ކުރެއްވުމަށް ފަހު ސަރުކާރު ކުންފުންޏެއް ކަމަށް ވާ ތިލަފުށި ކޯޕަރޭޝަންގެ ޑެޕިއުޓީ އޮޕަރޭޝަންސް މެނޭޖަރުގެ މަގާމުގައި ވެސް އޭނާ ވަނީ އަދާ ކުރައްވާފައެވެ.

ސަރުކާރުގެ ހިދުމަތަށް ނުކުތުމުގެ ފުރުސަތު ހުޅެވުނު ގޮތް ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ، އެ މަސައްކަތް ފެށުނީ އެއާޕޯޓްސް ކޮންޕެނީ، މާލެ އިންޓަނޭސަނަލް އެއާޕޯޓާ ހަމައިން ކަމަށެވެ. އޭރު ލިބުނު ފުރުސަތުގައި އެއާޕޯޓްސް ކޮންޕެނީ، ފަހުން ރީޖަނަލް އެއާޕޯޓުގެ ތަފާތު މަގާމުތަކުގައި ނާޝިދު ވަނީ މަސަކަތް ކުރައްވާފައެވެ. ކަތީބު ކަމަށް ވަޑައިގަތީ އޭރު ރައީސް މައުމޫނުގެ ސަރުކާރުގައި ލިބުނު ފުރުސަތުގައެވެ.

ގަނޫނީ ވަކީލް މުހައްމަދު ނާޝިދު

"ބައްޕަ. އެއީ ހަމަ ނަންބާ ވަން. މީހުންނާ ގުޅިގެން މަސައްކަތް ކުރާނެ. އެކުގައި މަސައްކަތް ކުރަން ވަރަށް ފަސޭހަވާނެ. މަސައްކަތުގައި ބުރަކޮށް އުޅުނަސް އާއިލާއަށް ވަގުތު ހުސް ކުރާނެ. ކޮންމެ ކަމެއް ޖެހުނަސް ބައްޕަ ވަރަށް ހެލްޕް ވާނެ. ދުވަހަކުވެސް ގުލާއިގެން ވެސް ބައްޕަ އެވައިލަބަލް ނޫން ދުވަހެއް ހަނދާނެއް ނުހުރޭ. އބަދުވެސް އެވެއިލަބަލް ވާނެ."
ނާޝިދުގެ ދަރިފުޅު

ނާޝިދަކީ 8 ދަރިންގެ ބައްޕައެކެވެ. އާއިލާ ބަލަހައްޓަމުން ބުރަކޮށް މަސައްކަތުގައި ހޭދަ ކުރެއްވި ދުވަސްތަކުގެ ވާހަކަތައް ހިއްސާ ކުރައްމުން އޭނާ ވިދާޅުވީ، ކަތީބެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދުވަސްވަރަކީ އޭނާއަށް ގިނަ ކަންތައްތަކެއް ހާސިލް ކުރެއްވުނު ދުވަސްވަރެއް ކަމަށެވެ.

މުރައިދޫގެ ކަތީބު ކަމުގައި ވި 14 އަހަރު ހއ. އަތޮޅުގެ އެތައް ރަށެއްގެ ބަނދަރު ހެދި އޭގެ މަންފާ ރައްޔިތުންނަށް ލިބިގެން ދިޔުމުގެ އުފާ އެ ރަށްރަށުގެ ރައްޔިތުންނެކޭ އެއްގޮތަށް، އޭނާވެސް ހިއްސާ ކުރައްވައެވެ.

އޭނާގެ ކަތީބު ކަމުގައި ރަށަށް އައި ތަރައްގީގެ ބޮޑު ބައި ނާޝިދު ހިއްސާކުރައްވައެވެ. ރަށަށް ލަފާ ފުރުމަށް ހާއްސަކޮށް ބަނދަރެއް ހަދާފައި ވާ އިރު، މުރައިދޫ ރައްޔިތުންގެ އަމިއްލަ މަސައްކަތުން ރަށަށް ކަރަންޓު ލައި، އެ ތަން ޔޫޓިލީ ކުންފުންޏަކާ ހަވާލު ކުރެވުމާ ހަމައަށް 24 ގަޑިއިރު ކަރަންޓް ލިބޭނެ ގޮތަށް އިންޖީނުގެ ތަރައްގީ ކުރުމުގެ އިތުރުން ފިއުލް ސްޓޯރޭޖެއް ހެދުމަކީ ވެސް އޭނާއަށް ހާސިލް ކުރެވުނު ލަނޑުދަނޑިއެއްގެ ގޮތުގައި ފާހަގަ ކުރައްވައެވެ. އަދި ރަށުގައި ސިއްހީ މަރުކަޒު ގާއިމް ކޮށް އާންމުކޮށް ބޭނުންވާ ބޭސްތައް ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިޔުން ރައްޔިތުން ބަލައިގަނެއެވެ. މީގެ އިތުރުން އެ ރަށުގައި ޒަމާނީ ފެންވަރުގެ ބޯޅަދަނޑެއް ހެދުމަށް އިސްނަގައި ބިމެއްވެސް ކަނޑައަޅައި ދެއްވިއެވެ.

ގަނޫނީ ވަކީލް މުހައްމަދު ނާޝިދު އޭނާގެ އާއިލާގެ ބައެއް މެންބަރުންނާ އެކު

ގާނޫނީ ދާއިރާއިން ތައުލީމް ހާސިލް ކުރައްވާ ވަކީލެއްގެ ގޮތުގައި ނާޝިދަކީ އަމިއްލަ މަސައްކަތެއް ކުރައްވަމުން އަންނަ ބޭފުޅެކެވެ. އޭނާގެ ދެވަނަ ދަރިފުޅާ އެކު "ނާޝިދު އެންޑް އެސޯސިއޭޓް އެންޑް އެލް އެލް ޕީ" ގެ ނަމުގައި ޕާޓްނާޝިޕެއް ރަޖިސްޓްރީކޮށް އަންނަނީ ހިންގަމުންނެވެ. އެ މަސައްކަތުގައި އޭނާއަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮން ޖެހުމަކީ މައްސަލައެއް ހަވާލުވެ މަސައްކަތް ފަށާއިރު، މުއައްކިލްގެ ބެލެނިވެރިންގެ ފަރާތުން ކާމިޔާބީއަށް އެދި ތިބެ އެ މައްސަލަ ކާމިޔާބު ވާނެ ކަމަށް އުންމީދު ކޮށްގެން ތިބެ އެކަމުގެ ޔަގީންކަން ނާޝިދުގެ ކިބައިން އާއިލާ ނުވަތަ ބެލެނިވެރިންގެ ފާރާތުން ހޯދުމަށް އެދޭ އެދުމަށް ސީދާ ޖަވާބު ދާރީ ވާން ޖެހުމެވެ. އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބައެއް ފަރާތްތަކުން ސީދާ ކުށުގެ ތުހުމަތު ވާ ފަރާތް (މުވައްކިލު) މިންޖުވާނޭ ބުނޭތޯ އެ ކުރާ މުއާމަލާތަކީ އުނދަގޫ މަރުހަލާއެއް ކަމަށް އޭނާ ވިދާޅުވެއެވެ.

"ނާޝިދަކީ ވަރަށް ހިންގުންތެރި ވަރަށް މޮޅު އަދި ވަރަށް ޑެޑިކޭޓަޑް ބޭފުޅެއް. ތަރައްގީއަށް ބޮޑެތި ހިދުމަތްތަކެއް ކުރެއވްި ވަރަށް މޮޅެތި ހިޔާލުތައް ގެންގުޅުއްވާ ބޭފުޅެއް. ނާޝިދަށް ކާތީބުކަން ލިބުމާއެކު އެރަށަށް ވަރަށް ބޮޑެތި ތަރައްގީތަކެއް ގެނުއްވި. މިހާރު އެރަށުން ފެންނަ ްހުރި ގިނަ ތަރައްގީގެ މަސައްކަތްތަކަކީ އޭނާގެ މަސައްކަތުން ކޮށްފަިއ ހުރި ގިން ކަންކަމޭ ބުނުމަކުން ދިގަކަށް ނުވާނެ. އެއީ ވަރަށް ހިންގުންތެރި ބޭފުޅެއް."
ހއ.ގެ އަތޮޅުވެރިޔާގެ މަގާމު ކުރިން ފުރުއްވި ރަޝީދު

ރަޝީދު ވިދާޅުވާ ފަދައިން، ނާޝިދުގެ އުންމީދަކީ އިހްލާސްތެރިކަމާ އެކު އޭނާ ކުރައްވާ މަސައްކަތް ކުރެއްވުމާއި އެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރުމެވެ. މިހާތަނަށް އައި އިރު އޭނާގެ އިހްލާސްތެރި ކަން ކްލަޔަންޓުން ބަލައިގެންފައިވާ ކަން އުފަލާ އެކު އޭނާ ފަހާގަ ކުރައްވައެވެ. އަދި އޭނާ ބޭނުންވަނީ ގާނޫނީ ލޯތްބާއި ކުލުނާ އެކު އޭނާ އާއެކު ތިއްބެވި ގާނޫނީ އަދި ޝަރުއީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދާ އެކު ކްލަޔަންޓުންނަށް ހިދުމަތް ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޝިދުގެ ހާއްސަ ޝުކުރު އޭނާ ހާއްސަ ކުރަނީ އޭނާ ހއ. މުރައިދޫ ކަތީބު ކަމުގައި ހުންނެވި އިރު އެ ރަށުގެ ރަށް ކުރިއަރުވާ ކޮމިޓީގެ ފަރާތުން ދިން އެހީތެރިކަމަށެވެ. އެ ކޮމިޓީއަށް އޭނާ ހާއްސަ ޝުކުރެއް އަދާކުރައްވައެވެ. ހާއްސަކޮށް އޭރުގެ އެ ކޮމިޓީގެ 12 މެންބަރުންގެ ތެރެއިން ހއ. މުރައިދޫ، ނަސްރީންގެ، މުހައްމަދު އިބްރާހިމް އާއި، ހއ. މުރައިދޫ، ވީނަސްގެ، އިސްމައިލް އަބްދުއްރަހްމާނަށް ހާއްސަ ޝުކުރެއް އޭނާ ވަނީ އަދާ ކުރައްވާފައެވެ.