ރަޝިއާއިން ޔޫކްރައިން އަށް އަރާ ހަނގުރާމަ ކުރަމުން ދާތާ 6 މަސް ވެފައި ވާއިރު، ރަޝިއާގެ އެންމެ ގާތް އެއް ލީޑަރު، ޗައިނާގެ ރައީސް ޝީ ޖިންގްޕިން އާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ ބައްދަލުވުމެއް އޮންނަ ހަފްތާގައި އޮންނާނެކަން ހާމަ ކޮށްފިއެވެ.

މި ބައްދަލުކުރެއްވުމުގެ ވާހަކަ ހާމަ ކުރައްވަމުން، ރަޝިއާއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު އެންޑްރޭ ޑެނިސޯވް ވިދާޅުވީ، އެ ދެބޭފުޅުން ބައްދަލު ކުރައްވާނީ އަންނަ ހަފްތާގައި އުޒުބަކިސްތާން ގައި އޮންނަ ސަމިޓުގެ ހަވާސާގައި ކަމަށެވެ.

ސެންގްހާއި ކޯޕަރޭޝަން ސަމިޓަކީ ޗައިނާއާއި ކަޒަގިސްތާނާއި ކިރިގިސްތާނުގެ އިތުރުން ރަޝިއާ އާއި ތަޖިކިސްތާނު ބައިވެރިވާ އެ ސަރަހައްދުގެ ސަލާމަތާއި އިގުތިސޯދާއި އަދި ސިޔާސީ މަސްލަހަތުތަކުގެ މައްޗަށް 5 ގައުމުން އެއްބަސްވެ ހަދާފައި އޮންނަ ކޯޕަރޭޝަނެކެވެ.

މި މަހުގެ 15 އިން 16 އަށް ބާއްވާ މި ސަމިޓުގައި ޝީ އާއި ޕުޓިންގެ މަޝްވަރާތަކުގެ ތަފްސީލުތައް ހާމަކޮށްފައި ނުވިނަމަވެސް، މިޙާރު ކުރިއަށް ދާ ޔޫކްރައިން ހަނގުރާމަ އާއި، ޓައިވާން މައްސަލައިގެ އިތުރުން، އިގުތިސޯދީ ދާއިރާއިން ދެބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް މުރާސިލުން ބުނެއެވެ.

ރަޝިއާ އާއި ޗައިނާ އަކީ "އިމެއް ނެތް ރަހުމަތްތެރިކަން" ގާއިމުކޮށްގެން ތިބި ދެ ގައުމެވެ. މިވަގުރު ޗައިނާގެ އިގްތިސޯދީ ދުވެލި މަޑުޖެހެމުން ދިޔުމާއި، ރޫކްރައިން ހަނގުރާމައިގައި ހުޅަނގާއި އެމެރިކާއިން ރޫކްރައިން އަށް އިންތިހާއަށް މދަދު ދިނުމާއި، އެ ހަނގުރާމަ އާ ގުޅުވާ ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވުމުން، ދެބޭފުޅުންގެ މަޝްވަރާތަކުގައި އެ ނަޒަރިއްޔާއިންވެސް ވާހަކަ ދައްކަވާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ރަޝިއާ އާއި ޗައިނާ އާ ދެމެދު އޮތް ގާތް ގުޅުމުގެ ދަށުން ރަޝިއާއިން ޗައިނާ އަށް ފޯރުކޮށްދޭ ނެޗުރަލް ގޭހުގެ ފައިސާގެ މުއާމަލާތް އެމެރިކާގެ ޑޮލަރުގެ ބަދަލުގައި ޗައިނާގެ ފައިސާ ކަމުގައި ވާ ޔުއާން އާއި ރަޝިއާގެ ފައިސާ ކަމުގައި ވާ ރުބެލް އިން ހަމަޖެއްސޭ ގޮތަށް މިދިޔަ އަންގާރަ ދުވަހު ވަނީ އެއްބަސް ވެފައެވެ.

ހަބަރުތައް ބުނާ ގޮތުން، ޝީ އާއި ޕުޓިންގެ ބައްދަލުވުމަށް ފަހު، މެދުތެރޭ އޭޝިއާގައި އިގުތިސޯދީ މަޝްރޫއުތަކެއް ހިންގަން އިއުލާން ކުރައްވާނެއެވެ. އޭގެ ތެރޭގައު އާ ގޭސް ހޮޅިއެއް އެޅުންވެސް ހިމެނޭ ކަމަށް ބުނެއެވެ.