މާލޭގައި އާންމު ތަންތަން ސާފުކުރުމުގެ ހިދުމަތް ސިޓީ ކައުންސިލުން އަމިއްލަ އަށް ކުރާ ނަމަ، ހަރަދުތައް ތިން ގުނަ އިތުރުވާނެ ކަމަށް ވެމްކޯ އިން ބުނެފިއެވެ.

ކުނި އުކާލުމާއި ސާފުކުރުމުގެ ހިދުމަތްދޭ ކުންފުނިން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައި ވަނީ، މާލެ އާއި ވިލިމާލޭގެ މަގުމަތި ފަދަ އާންމު ތަންތަން ސާފުކޮށް އެ ތަންތަނުން ކުނި ނެގުމަށް އެ ކޯޕަރޭޝަނާ އެކު ވެފައިވާ އެއްބަސްވުން އާ ނުކުރުމަށް ސިޓީ ކައުންސިލުން ފާސްކުރުމާ ގުޅިގެންނެވެ.

ކައުންސިލްގެ މައިގަނޑު ކަންބޮޑުވުމަކީ، ވެމްކޯ އާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ކޯޕަރޭޝަނުން ހިދުމަތް ނުދޭތީ އާންމުންގެ ޝަކުވާ ލިބުމެވެ. އަދި ހަރަދު ބޮޑުވުމުގެ އިތުރުން ކައުންސިލްގެ މުވައްޒަފުން މާލޭގެ މަގުތަކުން ކުނި ނަގަން ޖެހުމެވެ. ކައުންސިލުން ބުނާ ގޮތުގައި، ކައުންސިލްގެ ދަށަށް ކުނި ނެގުމާއި ސާފުކުރުމުގެ ކަންކަން ބަދަލުކުރުމުން ހަރަދުތައް ކުޑަވެގެން ދާނެއެވެ.

ނަމަވެސް ކައުންސިލްގެ ވާހަކަތަކަށް ރައްދު ދީ މިރޭ ނެރުނު ބަޔާނުގައި ވެމްކޯ އިން ބުނީ، ހަރަދު ބޮޑުވާ ކަމަށް ބުނެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އުޅަނދު ފަހަރު މަރާމާތު ކުރުމާއި ކުނި ނައްތާލަން ކުރަން ޖެހޭ ހަރަދުތަކަށް ރިއާޔަތްނުކޮށް ކަމަށެވެ.

ވެމްކޯ އިން ބުނި ގޮތުގައި، ސިޓީ ކައުންސިލްގެ ނިންމުމުގެ ސަބަބުން އެ ކޯޕަރޭޝަންގެ ދަށުން މަސައްކަތްކުރާ ދިވެހި އެތައް މުވައްޒަފުންގެ ވަޒީފާ އަށް އަސަރުކޮށް، ވަޒީފާ އާ މެދު ސުވާލުތައް އުފެދިފައިވެއެވެ. އަދި ކައުންސިލުން މުނިސިޕަލް ހިދުމަތްތައް ދިނުމަށްޓަކައި ގިނައިން ގެންގުޅެނީ ބިދޭސީ މުވައްޒަފުންކަން ވެސް ފާހަގަކޮށްފައިވެއެވެ.

ހަމަ އެހެންމެ ކައުންސިލާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ވެމްކޯ އިން ކުރާ މަސައްކަތަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން، ގާތުން މޮނިޓާ ކުރެވިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށާއި، ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ކައުންސިލަށް މައުލޫމާތު ހިއްސާކުރަމުންދާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

"މާލެ ސިޓީ ކައުންސިލުން މި މަސައްކަތް ކުރުމަށް ހުށަހަޅާފައިވާ އުޅަނދުތައް ބޭނުންކޮށްގެން ހިދުމަތް ދޭ ކަމުގައި ވާ ނަމަ، މަހެއްގެ މައްޗަށް އެތައް ސަތޭކަ ދަތުރެއް ކުނި އުކާލުމަށް ހޭދަކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭ. އަދި މި ކުނި މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ހިދުމަތް ބޭނުންކޮށްގެން އުކާލުމަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭނެ. އަދި ކައުންސިލުން ސީދާ ތިލަފުއްޓަށް މި ކުނި ގެންދާ ނަމަ، އެކަމަށް ކުރަން ޖެހޭ ހަރަދު ތިން ގުނަ އިތުރުވެގެން ދާނެ." ވެމްކޯގެ ބަޔާނުގައި ވެއެވެ.

ބަޔާން ނިންމާލަމުން ވެމްކޯ އިން ވަނީ މިހާރެކޭ ވެސް އެއްގޮތަށް، ކުނި އުކާލުމާއި ސާފުކުރުން ފަދަ ހިދުމަތްތައް ދިނުމުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދީފައެވެ.