އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 264 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.

ފުލުހުން ބުނީ ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ އެކި މައްސަލަތަކުގައި 2021 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިހާތަނަށް ނައްތާނުލެވިހުރި 264.93 ކިލޯގެ މަސްތުވާތަކެތި ކަމަށެވެ.

އެގޮތުން މިއަދު ނައްތާލާފައިވަނީ މަސްތުވާތަކެތި ހުރި 10888 ރަބަރު ޕެކެޓާއި 4285 ސެލޯފިންކޮޅާއި 246 ފިލްމު ހުސްކުރިދަޅާއި 130 ބުލެޓާއި 40 ބިޑީގެ އިތުރުން 6359 ބޭސްގުޅަ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މަސްތުވާތަކެތި ބަންދުކުރުމަށާއި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ތަކެތި 4559 އެހެނިހެން އައިޓަމްގެ ގޮތުގައި ނައްތާލާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕީޖީ އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން މީޑީއާ އަދި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވި މީހުންގެ ހާޒިރުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.