ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ވަބާއަށް ފަހު، އާންމުކޮށް އުމުރު ކުރުވެ، ތައުލީމު ފުރިހަމަކުރާ ކުދިން މަދުވެ، ލިބޭ އާމްދަނީ ދަށަން ދާން ފަށައިފިކަމަށް އދ ގެ ދިރާސާ ރިޕޯޓެއް ބުނެފިއެވެ.
ޔޫއެން ހިއުމަން އިންޑެކްސް ރިޕޯޓުން ފާހަގަ ކުރާ ގޮތުގައި، ކޮވިޑްގެ ކުރިން އެތަން އަހަރުތަކެއްގެ ކުރިއެރުން ލިބެމުން އައި ގައުމުތަކުން އެ އަސަރު ދަނީ ފެންނަމުންނެވެ. އަދި ދިރާސާގައި މައުލޫމާތު އެއްކުރި ގައުމުތަކުގެ ތެރެއިން 9 ގައުމެއްގައި އުމުރު ކުރުވުމާއި ތައުލީމު ފުރިހަމަ ނުކުރުމުގެ އިތުރުން އާމްދަނީ އަށް އަސަރުކޮށްފައި ވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ބުނެއެވެ.
މި ދިރާސާއިން ދައްކާ ގޮތުން ސޫދާންގައި މީހުންގެ އެވްރެޖް އުމުރު ވަނީ 55 އަރަހަށް ތިރިވެފައެވެ. އަދި އެވްރެޖް ކޮށް މަދަރުސީ ތައުލީމުގައި ހޭދަކުރަނީ 5.5 އަހަރު ކަމަށާއި އާމްދަނީ އަށް ބޮލަކަށް އަހަރަށް ޖެހޭ މިންވަރު ވަނީ 768 ޑޮލަރަށް ވެއްޓިފައެވެ.
މި ދިރާސާގައި އަދިވެސް އެންމެ ރަނގަޅަށް އުމުރާއި ކިޔެވުމާއި އާމްދަނީ ހިފެހެއްޓިފައި ވާ ކަމަށް ދައްކަނީ ސްވިޓްޒަލޭންޑްގައެވެ. އެގައުމުގައި އެވްރެޖް އުމުރަކީ 84 އަހަރެވެ. މަދަރުސާ ތަކުގައި 16.5 އަހަރު ހޭދަ ކުރާއިރު އާމްދަނީ އަކަށް އަހަރަކަށް 66،000 އެމެރިކާ ޑޮލަރު ލިބެއެވެ.
ޖުމްލަ 191 ގައުމެއްގެ ތަފާސް ހިސާބުން ދައްކާ ގޮތުން، 2016 ވަނަ އަހަރުން ފެށިގެން މި އިންޑިކޭޓާސް ނުވަތަ މިންގަނޑުތައް ހުރީ ދަށަށް ޖަހާފައި ކަމަށްވެސް އެރިޕޯޓު ބުނެއެވެ.
ކޮވިޑާއި، ޔޫކްރައިން ހަނގުރާމައާ ހެދި މި ބަދަލުތައް އަންނަކަން ފާހަގަ ވެފައި ވާއިރު، މިއީ މުޅި ދުނިޔެވެސް އެކަމާ ވިސްނަން ޖެހޭ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
ކޮވިޑާ ގުޅިގެން އާމްދަނީ އަށް އަސަރުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ހެން ރާއްޖޭގައިވެސް އެކި އިންޑަސްޓްރީތައް ހަމައަކަށް އެޅުވުމަށް ސްޓިމިއުލަސް ޕެކޭޖް ނުވަތަ ފައިސާގެ އެހީ ސަރުކާރުން ފޯރުކޮށް ދިނެވެ. އެހެން ނަމަވެސް މާލީ ގޮތުން ކުރި އަސަރުތަކުން ރާއްޖެއަށްވެސް އަދި މުޅިން އަރައިގަނެވިފައެއް ނުވެއެވެ.