ޔޫކްރައިން ހަނގުރާމަ އާ ގުޅިގެން ރަޝިއާ އާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ހުމުގައި ހަލާކުވެ ދަނީ ހަމަ ޔޫރަޕް ކަމަށް ވިދާޅުވެ ރަޝިއާގެ ރައީސް ވްލޭޑިމިއާ ޕުޓިން ހުޅަނގަށް ފާޑުވިދާޅުވެއްޖެއެވެ.

ރަޝިއާގެ ވްލަޑިވޮސްތަކް ގައި އޮތް އިގްތިސޯދީ ފޯރަމެއްގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ، ޔޫކްރައިން ހަނގުރާމަ އާ މަތިކޮށް، ޔޫރަޕުން ރަޝިއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް، ރަޝިއާއިން ގެންދަނީ ހާލަތާ އެއްގޮތަށް ކަންތައްތައް ހަމަޖައްސަމުން ކަމަށެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުގެ އަސަރު ކުރަނީ ހަމަ ޔޫރަޕަށް ކަމަށާއި ޔޫރަޕްގެ ދިރިއުޅުން އެތާނގެ ރައްޔިތުންނަށް ގުރުބާން ކުރަން ޖެހިފައި ވުމުގެ އިތުރުން އެ ފިޔަވަޅުތަކުގެ ސަބަބުން ކާބޯތަކެތީގެ ފަގީރު ގައުމުތަކަށް ކާބޯތަކެތީގެ ދަތިކަން ދަނީ ކުރިމަތިވަމުންނެވެ.

މީގެ އިތުރުން ޕުޓިން ވަނީ، ޔޫކްރައިން ހަނގުރާމައާ މަތިކޮށް ކުދި ގައުމުތަކަށް ޔޫރަޕުން އޮޅުވާލަމުން ދާ ކަމުގެ ތުހުމަތުވެސް ކުރައްވާފައެވެ.

ޕުޓިން ވަނީ، ހަނގުރާމައާ ގުޅިގެން ޔޫކްރައިންގެ ކަނޑުގެ ބަނދަރުތައް ރަޝިއާއިން ބަންދުކޮށްފައި އޮންނަތާ 4 މަހަށް ފަހު މި ދިޔަ އޮގަސްޓުގައި ހުޅުވާލި ފަހުން ޔޫކްރައިން އިން ފުރީ މުދަލާ އެކު އެންމެ 2 ބޯޓު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އދ. ގެ އިދާރާތަކުން ބުނާ ގޮތުން، އޮގަސްޓް 29ގެ ނިޔަލަށް 19 ބޯޓެއް ކާބޯތަކެއްޗާއިން ޔޫކަރައިނުން ވަނީ ފުރާފައެވެ. އެބޯޓުތައް ދަތުރުކާ މަންޒިލްތަކުގެ ތެރޭގައި ޔޫރަޕާއި، ތުރުކީއާއި މެދުއިރުމަތީގެ ގައުމުތަކާއި އެފްރިކާއާއި ޗައިނާގެ އިތުރުން އިންޑިއާ އާއި ދެކުނު ކޮރެއާވެސް ހިމެނެއެވެ.

ރަޝިއާއިން ޔޫކްރައިން ހަނގުރާމަ ފެށިފަހުން 6 މަސް ވެގެން ދާ އިރު ޔޫކްރައިންގެ ސަރަހައްދުގެ 5 ޕަސެންޓް ވަނީ ރަޝިއާއިން ހިފާފައެވެ. ނަމަވެސް ހުޅަނގުގެ އަސްކަރީ އެހީއާއެކު ޔޫކްރައިން ސިފައިންގެ ރައްދު ހަމަލާތައް ވަރުގަދަ ވުމުގެ ސަބަބުން ވެރިރަށް ކިއޭވްގެ އުތުރާއި ދެކުނުން އަދި އިތުމަރިން ރަޝިއާގެ ފައުޖުތައް ދަނީ ފަހަތަށް ޖެހެމުންނެވެ.

ހުޅަނގުން ރޫކްރައިންއަށް ފޯރުކޮށްދޭ އަސްކަރީ އެހީގެ އިތުރުން، ރަޝިއާގެ އެކިއެކި ވިޔަފާރިތަކާއި ބޭންކްތަކާއި ވަކިވަކި ފަރިދުންގެ މައްޗަށް ވަނީ ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅާފައެވެ. މީގެ އިތުރުން، ރަޝިއާގެ ތެލާއި ގޭހަށް ބަރޯސާވާން ޔޫރަޕަށް ޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނެވޭނެ ގޮތްތައްވެސް ދަނީ ހޯދަމުންނެވެ.

ޔޫރަޕަކީ ތެޔޮ ނަގާ ސަރަހައްދަކަށް ނުވުމާއެކު މުޅި ޔޫރަޕް މިއޮއްހާ ދުވަހު ބަރޯސާވެގެން އޮތީ ރަޝިއާއަށެވެ. ރަޝިއާއިން ޔޫރަޕަށް ދުވާލެއްގެ މައްޗަށް 170 މިލިއަން ކިޔުމިކް މީޓަރުގެ ގޭސް ޔޫރަޕަށް ފޯރުކޮށްދެއެވެ. ނަމަވެސް އިހަށް ދުވަހު ރަޝިއާއިން ވަނީ، ޔޫރަޕަށް ގޭސް ފޯރުކޮށްދޭ މައި ހޮޅި މަރާމާތަށް ކަމަށް ބުނެ ބަންދުކޮށް، ދެނ އޮންނަ ހޮޅިން ދުވާލެއްގެ މައްޗަށް ދޫކުރާ ތެލުގެ ނިސްބަތް ބަދުކޮށްފައެވެ.

މިއާއެކު ޔޫރަޕްގެ ހަކަތައިގެ އިންޑަސްޓްރީއަށް ލޮޅުން އަރާ އަގުތައް ވަނީ އިންތިހާ މައްޗަށް އުފުލިފައެވެ.

މިކަމާ ގުޅިގެން ޕުޓިން ވިދާޅުވީ، ޔޫރަޕުން އުޅެނީ އެމީހުންގެ ސިޔާސަތު އެހެން ގައުމުތަކަށް ފަތުރަން ކަމަށާއި ނަމަވެސް މިފަހަރު ފެންނަނީ، ޔޫރަޕްގެ އުފެއްދުންތެރިކަން ދަށަށް ގޮސް ވަޒީފާތަކާ އެއްޗެހި އިތުރުކުރުން ހުއްޓޭތަން ކަމަށެވެ. ޕުޓިން ވިދާޅުވީ، ރަޝިއާއަށްވެސް އެކަމުގެ އަސަރުތަކެއް އެބަހުރި ކަމަށާއި، އިންފްލޭޝަން މައްޗަށް ގޮސް ކުންފުނިތަކަށް އިންޕޯޓު ކުރުމުގައި ދަތިތަކާ ކުރިމަތިވި ނަމަވެސް މާ ބޮޑު ލޮޅުމެއް ނެތް ކަމަށެވެ.

މީގެ އިތުރުން ޕުޓިން ވިދާޅުވީ، ހުޅަނގުން ރަޝިއާ، ދުނިޔެއާ އެކަހެރި ކޮށްލަން ކިތަންމެ ބޭނުން ވިޔަސް އެކަން ނުކުރެވޭ ކަމަށެވެ. އެއީ "އިމްޕޮސިބަލް" ކަމެއް ކަމަށް އޭނާ ވިދާޅުވެއެވެ.