މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، ގިނަ ބަޔަކު ހާލުގައި ޖެހިފައިވާ ޕާކިސްތާނަށް އެހީވުމުގެ ފުރުސަތު، ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައި ކޮމިޝަނުން ހުޅުވާލައިފިއެވެ.

ފެންބޮޑުވުމުގެ ސަބަބުން ހިނގި އެތައް ހާދިސާއެއްގައި ޕާކިސްތާނުން ހާހަކަށް ވުރެ ގިނަ މީހުން އެ ގައުމުން މަރުވެފައިވާއިރު، މީހުންގެ މުދަލާއި ގޯތި ގެދޮރާއި ބައެއް އިމާރާތްތަކުގެ އިތުރުން، ގޮވާމާއި ދަނޑުތަކާއި އެހެނިހެން ތަކެއްޗަށް ގެއްލުން ލިބި، އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

އެހެންވެ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން، ޕާކިސްތާނުގެ ހައި ކޮމިޝަނުން ވަނީ ހަބީބް ބޭންކުގައި ޑޮލަރު އެކައުންޓެއް ހުޅުވައިފައެވެ. ހައި ކޮމިޝަނުން ބުނީ، ޑޮލަރުގެ އިތުރުން ދިވެހި ރުފިޔާ އިން ވެސް އެހީތެރިކަން ބަލައިގަންނާނެ ކަމަށެވެ.

ޕާކިސްތާނަށް އެހީވުމުގެ ގޮތުން ފައިސާގެ އެހީތެރިކަން ދޭން އެދޭ ނަމަ:

  • އެކައުންޓު ނަން: ޕްރައިމް މިނިސްޓާސް ފްލަޑް ރިލީފް ފަންޑް 2022
  • އެކައުންޓް ނަންބަރު: 007000500303-2050 (އެމެރިކާ ޑޮލަރު އެކައުންޓް)

އެ ވިއްސާރައާ ހެދި ފެންބޮޑުވުމުގެ ސަބަބުން، ޕާކިސްތާނުގެ ގިނަ އަވަށްތަކުގެ މަގުތަކާއި ބްރިޖްތައް ފަދަ އެ ގައުމުގެ އުމްރާނީ ތަރައްގީގެ ބޮޑު ބައެއް ހަލާކުވެ ހިނގައްޖެއެވެ. އެ ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގެ 30 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ އަސަރުކޮށްފައެވެ.

ޕާކިސްތާނުގެ އިދާރާތަކުން ބުނާގޮތުގައި، ވިއްސާރައިގެ ސަބަބުން އެ ގައުމަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް 10 ބިލިއަން ޑޮލަރު ބޭނުންވާނެއެވެ. އެކަމުގައި ބޭރު ގައުމުތަކުގެ އެހީ އަށް އެދި ޕާކިސްތާނުން ބުނީ، މި ވަގުތަށް 160 މިލިއަން ޑޮލަރުގެ އެހީ ބޭނުންވާ ކަމަށެވެ. އެ ގައުމުން ވަނީ އދ އާ ގުޅިގެން އެ ކަމަށް ފަންޑެއް ވެސް ހުޅުވައިފައެވެ.