ލ. ގަމުގެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށާއި ގދ. ގައްދޫގައި އަލަށް ހޮސްޕިޓަލެއް އެޅުމަށް ސްޕެއިންގެ ކުންފުންޏަކާ ހަވާލު ކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ، އެ ދެ ހޮސްޕިޓަލުގެ މަސައްކަތް ކުރާނީ ހޮމްޓް އެސްޕަންޔާ ކިޔާ ކުންފުންޏަކުން ކަމަށެވެ. މިއީ އަތޮޅުތަކަށް މުހިއްމު ސިއްހީ ހިދުމަތްތައް ކަށަވަރުކޮށްދޭނެ މަޝްރޫއެއް ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. ނަމަވެސް މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އިތުރު ތަފްސީލް އެ މިނިސްޓްރީން ހާމަ ކޮށްފައެއް ނުވެއެވެ.

ރަށްރަށުގައި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލް ތަރައްގީ ކުރުމަކީ މި ސަރުކާރު ވެރިކަމަށް އައި އިރު ވެފައި ވާ ވައުދެކެވެ.

މި ސަރުކާރުން ސިއްހީ ނިޒާމުގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ދެއްވަމުން ހެލްތް މިނިސްޓަރު އަހްމަދު ނަސީމް މީގެ ކުރިން ވިދާޅުވެފައި ވަނީ، 25 ރަށެއްގެ ހޮސްޕިޓަލްގެ މަސައްކަތް މި އަހަރު ތެރޭގައި ޓެންޑަކޮށް ހަވާލުކުރައްވާ ކަމަށެވެ. އޭގެ ތެރޭގައި އެނދުގެ އަދަދެއް އަދި ކަނޑައަޅާފައި ނުވާ 3 ހޮސްޕިޓަލެއްގެ މަސައްކަތާއި، 30 އެނދުގެ 12 ހޮސްޕިޓަލަކާއި، 50 އެނދުގެ ހަތް ހޮސްޕިޓަލަކާއި، 100 އެނދުގެ ތިން ޓާޝަރީ ހޮސްޕިޓަލެއްގެ މަސައްކަތް މި އަހަރު ތެރޭ ޓެންޑަކޮށް ހަވާލު ކުރެވޭނެ ކަމަށް ވިދާޅުވެފައި ވެއެވެ.