ކެނެޑާގެ މެދުތެރޭގައި އޮންނަ ބައި މަދު ސަރަހައްދެއް ކަމަށް ވާ ސަސްކަޗެވަންގައި ވަޅިން ހަމަލާ ދީ 10 މީހަކު މަރާލައި 15 މީހަކު ޒަހަމްކޮށްލައިފިއެވެ.

2000 އެއްހާ މީހުންގެ އާބާދީއެއް ނިސްބަތްވާ ސަސްކެޗެވަންގެ ޖޭމްސް ސްމިތް ޕްރޮވިސްގައި ހިނގި މިހާދިސާ އާ ގުޅިގެން އެ ސަރަހައްދުގައި ކުއްލި ހާލަތު އިއުލާން ކޮށްފައި ވާއިރު، ވަޅީގެ ހަމަލާތައް އަމާޒުވި މީހުން އެ އަވަށުގެ 13 ސަރަހައްދަކުން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ސަސްކެޗެވަންގެ ޖޭމްސް ސްމިތް ޕްރޮވިސަކީ ގާތްގަނޑަކަށް 15 ހެކްޓަރުގެ ކުޑަ ސަރަހައްދެކެވެ. އެތާނގައި ދިރިއުޅޭ އާބާދީއަކީ 200 އެވެ.

މިހާދިސާ ހިނގަން މެދުވެރި ވި ސަބަބު އަދި ހޯދިފައި ނުވިނަމަވެސް، ޝައްކު ކުރެވޭ ދެމީހެއްގެ ފޮޓޯ ފުލުހުން ވަނީ އާންމު ކޮށްފައެވެ. އަދި އެމީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ހުރިހާ އިދާރާއެއް ގުޅިގެން ކުރަމުން ދާ އިރު ހުރިހާ ޗެކްޕޮއިންޓްތަކެއް ބަންދުކޮށް، ވަކިވަކިން ކޮންމެ ވެހިކަލަކާއި ޗެކްޕޮއިންޓް ހުރަސް ކުރާ ކޮންމެ މީހެއް ބަލާ ފާސްކުރަމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ހާދިސާ އަކީ ބިރުވެރި ނުރައްކާތެރި ހާދިސާއެއް ކަން ސިފަކުރައްވަމުން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޭ ވިދާޅުވީ، ތުހުމަތު ކުރެވޭ އެންމެން ހޯދާ ހައްގު އަދަބު ދެއްވާނެ ކަމަށެވެ.

ފުލުހުންނާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން، ވަޅީގެ ހަމަލާ އަމާޒުވި ބައެއް މީހުންނަކީ ގަސްތުގައި ޓާގެޓް ކޮށްގެން ހަމަލާ ދީފައިވާ މީހުން ކަމަށް ބެލެވުނަސް ބައެއް މީހުންނަކީ ރޭންޑަމް ކޮށް ނުވަތަ ވަކި މަގުސަދެއް ނެތި ހަމަލާ ދީފައިވާ މީހުން ކަމަށް ބެލެވޭ ކަމަށެވެ.

އަދި މިހަމަލާ ދިން ދެމީހުންގެ ގުޅުމަކީ ކޮބައިކަން މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށާއި ޝައްކު ކުރެވޭ ދެމީހުންގެ ތެރެއިން އެކަކުގެ އުމުރަކީ 30، އަދި އަނެކަކުގެ އުމުރަކީ 31 އަހަރު ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން އެމީހުންނަށް ސަމާލުވެ ތިބުމަށް އާންމުކޮށް އިއުލާން ކޮށްފައި ވާއިރު، މަގުމަތީގައި ނޫޅެ، ގެދޮރާ ތަންތަން ރަނގަޅަށް ތަޅުލައިގެން ތިބުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.