ސެލްފީ އެއް ނެގުމުގެތެރޭގައި ވޯޓާ ފޯލް އަށް ވެއްޓި އާއިލާއެއްގެ ހަ މީހުން މަރުވެއްޖެއެވެ.
އިންޑިއާގެ ޗައްތިސްގަޅްގައި އޮންނަ ރާމްދާހާ ވޯޓާ ފޯލް އަށް ޝްރައްދާ ސިންހް 14އ، ކައިރިވީ ވޯޓާ ފޯލް އަރާނެހެން ސެލްފީ އެއް ނެގުމަށެވެ. އޭނާގެ ދައްތަ ޝްވެތާ ސިންހް 22އ، އާއެކު ސެލްފީ ނަގަން އެތަނަށް ކައިރިވާން އުޅުމުގެ ތެރޭގައި ޝްރައްދާ ވޯޓާ ފޯލްގެ ތެރެއަށް ވެއްޓުޏި ފައި ކައްސާލައިގެންނެވެ. އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ނިޔަތުގައި ޝްރައްދާ އާއި އޭނާގެ އާއިލާގެ އިތުރު 15 މެންބަރުން ވޯޓާ ފޯލް ކައިރިއަށް ދިޔަ ނަމަވެސް އެމީހުންގެ އުފާވެރި ދަތުރު ވެގެންދިޔައީ ދިރިއުޅުމަށް ލޮޅުން ގެނައި ދަތުރަތަކަށެވެ.
ޝްރައްދާ ވޯޓާ ފޯލް އަށް ވެއްޓުމާއެކު ޝްވެތާ ވެސް ވަނީ ވޯޓާ ފޯލް އަށް ފުންމާލައިފައެވެ. ނަމަވެސް ވޯޓާ ފޯލްގެ އޮއިބާރު ކަމުން ދެމީހުންވެސް ގެބެން ފެށީއެވެ. ދެ ކޮއްކޮ ގެނބޭތަން ފެނުމާއެކު ބޭބެ އަބޭ ސިންހް 22އ، އާއި ރަތްނޭޝް ސިންހް 26އ، ވެސް ވަނީ ފުންމާލައިފައެވެ. އަދި ދެމީހުންގެ ދެކޮއްކޮ ސަލާމަތްކުރެވޭތޯ ވަރަށް މަސައްކަތްކުރިއެވެ. އެ ދެމީހުން ފުންމާލުމާއެކު އެކުދިންގެ ދެބެންގެ ދެ ދަރި ފިރިހެން ކުއްޖަކާއި އެ ކުއްޖާގެ އަންހެނުން ވެސް ވަނީ އެމީހުން ސަލާމަތްކުރަން ވޯޓާ ފޯލަށް ފުންމާލާފައެވެ.
ރިޕޯޓްތައް ބުނާގޮތުގައި ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހުރިހާ އެންމެން އަތުގުޅައިލައިގެން ތިބި ކަމަށާއި މަސައްކަތް ކުރީ އަތުން ދޫނުކޮށްލައި ވޭތޯ ކަމަށެވެ. ނަމަވެސް ވޯޓާ ފޯލްގެ އޮއި ބާރުކަމުން އެކި މީހުން އެކި ތަންތަނަށް އޮޔާ ދަމައިގަތީ ކަމަށެވެ. ހާދިސާ ހިނގިތާ އިރުކޮޅެއް ފަހުން ރެސްކިއު ޓީމް އައިސް އެމީހުން ހޯދަން ކުރި މަސައްކަތުން ފެނުނީ ތިން މީހުންގެ މަރުވެފައިވާ ހަށިގަނޑެވެ. އަނެއް ތިން މީހުންގެ ހަށިގަނޑު އަދިވެސް ފެނިފައެއް ނުވެއެވެ.