ސޮނީ ޓީވީ އިން ގެނެސްދެމުން އައި މަގްބޫލު ލަވަ ޝޯ "ސުޕަސްޓާ ސިންގާ 2" ގެ ޓްރޮފީ އުމުރުން 14 އަހަރުގެ މުހައްމަދު ފައިޒް އުފުލާލައިފިއެވެ.

އޭނާ މި ޓްރޮފީ އުފުލާލީ ރޭ ބޭއްވި ސުޕަސްޓާ ސިންގާގެ ގްރޭންޑް ފިނާލޭގައެވެ. އިންޑިއާގެ ރާޖަސްތާނަށް އުފަން ފައިޒް އަށް މި ލިބުނު މޮޅާއެކު ސުޕަސްޓާ ސިންގާ 2 ގެ ޓްރޮފީއާއި 15 ލައްކަ އިންޑިއަން ރުޕީސް ވަނީ ލިބިފައެވެ. އޭނާ އެއްވަނަ ހޯދީ ފައިނަލުގައި މަނީ 11، ސައިޝާ ގުޕްތާ 7، އާރްޔަނަންދާ ބާބޫ 14، ޕްރާންޖަލް ބިސްވާސް 12 އަދި ރިތުރާޖް 10، އާއި ވާދަކޮށެވެ. ޝޯގެ ރަނަރަޕް އަކީ މަނީ އެވެ. އަދި ތިން ވަނަ އަކީ ސައިޝާ އެވެ.

ޝޯ ކާމިޔާބުކުރުމަށްފަހު ޕިންކްވިލާ އަށް ފައިޒް ދިން އިންޓަވިއުއެއްގައި ބުނީ މޮޅުވުމުން ވަރަށް ބޮޑަށް އުފާވެއްޖެ ކަމަށާއި އޭނާއަށް ލިބުނު ރުފިޔާތައް ދޭނީ އޭނާގެ މައިންބަފައިންނަށް ކަމަށެވެ.

"އަހަރެން މި ޝޯގައި ބައިވެރިވީވެސް މައިންބަފައިންނަށްޓަކައި. ބައްޕަގެ ބޮލުގައި އެޅިފައި އޮތް ބޮޑު ދަރަނި ދެއްކުމަށް އެހީތެރިވުމަށް،"

ފައިޒް ބުނީ އޭނާ ކިޔެވުން ނިންމުމަށްފަހު އަމިއްލަ މަސައްކަތެއް ފެށުމުގެ ހިޔާލު ހުރި ކަމަށާއި އަދި މަޝްހޫރު ލަވަކިޔުންތެރިޔަކަށް ވުމަށް ގަދައަޅާ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ކޯޗު އަރުނީތާ ކާންޖިލާލް ކޮށްދިން ބުރަ މަސައްކަތަށް ޝުކުރުވެރިވާކަމަށެވެ. މި ޝޯގައި ބައިވެރިވި ހުރިހާ ގެސްޓުން ވެސް ފައިޒް ގެ ނަން ވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ. އެމީހުން ބުނަނީ ފައިޒް ގެ އަޑަކީ "ވޮއިސް އޮފް ރޮމޭންސް" ކަމަށެވެ.

ފައިޒް އަކީ ސުޕަސްޓާ ސިންގާ 2ގެ އެންމެ ކާމިޔާބު އެއްބައިވެރިޔާއެވެ. އޭނާ ވަނީ މި ޕްލެޓްފޯމަށް އެރުމަށްފަހު ޖަޖު ހިމޭޝް ރޭޝަމިޔާ އާއެކު މަސައްކަތްކޮށް އޭނާގެ އަޑުން ކިޔާފައިވާ ލަވައެއް ރެކޯޑްވެސް ކޮށްފައެވެ. މީގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އިމްތިޔާޒް އަލީ ވަނީ އެ ކުންފުނިން ހަދާ ފިލްމަކަށް ލަވަ ކިޔުމުގެ ފުރުސަތު ވެސް ފައިޒަށް ދީފައެވެ. އޭގެ އިތުރުން މަޝްހޫރު އެކްޓަރު/ޕްރޮޑިއުސަރު ސަތީޝް ކޯޝިކް ވެސް ވަނީ އޭނާގެ ފިލްމު ކުންފުނިން ހަދާ ފިލްމަކަށް ލަވަ ކިޔުމުގެ ފުރުސަތު އޭނާ އަށް ދީފައެވެ. އަދި އެ އެއްބަސްވުމުގައި ސޮއިވެސް ކުރުވާފައެވެ.