ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމް ކޮށްފައި ހުންނަ ޑިޓެންޝަން ސެންޓަރުން ފިލި ބިދޭސީ މީހާ ހޯދަން އިމިގްރޭޝަނުން އިއުލާން ކޮށްފިއެވެ.

އިމިގްރޭޝަނުން މިރޭ އެ މީހާގެ ވަނަވަރު އާމުކޮށްފައި ވާއިރު ފިލާފައި ވަނީ އުމުރުން 26 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު މިތުރެވެ. އަދި އެ އިދާރާއިން ވަނީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، އެ އިދާރާގެ ނަންބަރު 7980408 އަށް ގުޅާ އެކަން ހިއްސާކުރަން އެދޭ ކަމަށް ބުނެފައެވެ.

މިތުން ޑިޓޭންޝަން ސެންޓަރުގައި ބެހެއްޓީ މީގެ ކުރިން ރާއްޖެއިން ޑީޕޯޓްކޮށްފައި ވަނިކޮށް މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ރާއްޖެއަށް އައި މީހެއް ކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތު ލިބެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ރޭގެ ވަގުތެއްގައި އެ މީހާ ފިލާފައި ވަނީ އެ ޑިޓެންޝަން ސެންޓަރުގެ ފާހާނާގެ ސީލިންގު ފަޅާލައިގެންނެވެ.

ވިސާގެ މައްސަލަ ޖެހިގެން މިތުން ޑީޕޯޓުކޮށްލީ 2019 ވަނަ އަަހަރު ކަމުގެ މައުލޫމާތު ލިބިފައިވާއިރު އޭނާ ބަންދުކޮށްފައި ވަނީ އަނބުރާ ގައުމަށް ފޮނުވާލެވެންދެނެވެ.