ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކޮށްފައި ހުންނަ ޑިޓެންޝަން ސެންޓަރުގައި ބެހެއްޓި ބިދޭސީއަކު ފިލައިފިއެވެ.

މި ކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، އެ ސެންޓަރުގައި ބަހައްޓާފައި ހުރި ބިދޭސީއަކު ފިލާފައިވާ ކަމުގެ މައުލޫމާތު މިއަދު ފަތިހު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. މިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ޑިޓޭންޝަން ސެންޓަރުގައި ބެހެއްޓި ބިދޭސީ މީހާ އަކީ މީގެ ކުރިން ރާއްޖެއިން ޑީޕޯޓްކޮށްފައި ވަނީކޮށް މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ރާއްޖެއަށް އައި މީހެއް ކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތު ލިބެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ރޭގެ ވަގުތެއްގައި އެ މީހާ ފިލާފައި ވަނީ އެ ޑިޓެންޝަން ސެންޓަރުގެ ފާހާނާގެ ސީލިންގު ފަޅާލައިގެންނެވެ.

މިކަމާ ގުޅިގެން ފުލުހުން މައުލޫމާތު ދީފައި ވީ ނަމަވެސް އަދި އިމިގްރޭޝަން އިން މިކަމާ ބެހޭ މައުލޫމާތެއް ނުލިބެއެވެ. ފިލާފައިވާ އެ ބިދޭސީ މީހާއަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަން އަދި ސާފުވާ ގޮތެއް ނުވެއެވެ.