އަހަރުމެންގެ ތެރެއިން ގިނަ މީހުން ހަޔާތު ގެ ބައިވެރިޔާ އެއް އިހުތިޔާރު ކުރާ އިރު ގިނައިން ބެލެނީ އޭނާ ހުންނަ ގޮތަށެވެ. އެ މީހާގެ ސިފަ އޭނާއަށް ކަމުނުދާނަމަ އޭނާ އާ ބައިވެރިޔާއެއްގެ ހައިސިއްޔަތަކުން ވާހަކައެއް ވެސް ނުދެއްކެއެވެ. އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅަގައިންނަނީ އެންމެ ރީތި މީހާއެވެ.
މީހެއްގެ ދެކެ ލޯބިވާ ގޮތާއި އެމީހާ ދެކެ ލޯބިވަނީ ކީއްވެތޯ ބެލުމަށް ސައިންޓިސުން އަންނަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެންމެ ފަހުގެ ހޯދުންތައް ދައްކާގޮތުގައި ބައިވެރިޔާގެ ކިބައިން މި ކަންތައްތައް ފެނިގެންދާނަމަ އެ ބައިވެރިޔާ އަކީ އޭނާއަށް އެންމެ އެކަށޭނެ އަދި އޭނާގެ ދެކެ ލޯބިވާ މީހެއް ކަމަށް ބެލެވިދާނެއެވެ.
ސްމާޓްވުން
މިތަނުގައި ސްމާޓް މި ބަސް ބޭނުންކޮށްފައި އެވަނީ އޭނާގެ ހެދުން އެޅުން ސްމާޓްވުމުގެ މާނައިގައެއް ނޫނެވެ. ފިންލޭންޑްގެ ހަންކެން ސްކޫލް އޮފް އިކޮނޮމިކްސް އިން ހެދި ދިރާސާއެއްގައި ބުނީ ސްމާޓް މީހުން ބޭފަވާތެރިވާލެ މިންވަރު މަދުވާކަމަށެވެ. އަދި ވިސްނުންތޫނު މީހުން ކައިވެންޏެއްކޮށް ކައިވެނީގައި ދެމިތިބޭނެ ކަމަށެވެ.
ބައިވެރިޔާ އުފާކޮށް ބަހައްޓާ
ތިމާ އަބަދުވެސް އުފާވެރިކޮށް ބެހެއްޓުމަށް މަސައްކަތްކުރާ ބައިވެރިޔަކު ހޯދުމަކީ މި ޒަމާނުގައި ދަތި ކަމެކެވެ. ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު އަބަދުވެސް ބައިވެރިޔާ ހެއްވާފައި ބެހެއްޓުނަސް އެކަންތައްތައް ތާއަބަދު ކުރަންޖެހުމުން ގިނަ ބަޔަކަށް އޮންނަނީ އެކަން ނުވެފައެވެ. ގުޅުމެއް އެންމެ ފުރިހަމަ ގޮތެއްގައި ކުރިއަސް ގެންދިޔުމަށް ބައިވެރިޔާ އުފާކޮށް ބަހައްޓަންޖެހެއެވެ.
ކުރާ މަސައްކަތަށް އެއްބާރުލުން ދިނުން
ގިނަ ފަހަރު އެކުގައި އުޅޭ ބައިވެރިޔާ ކުރާ މަސައްކްތާ މެދު އަނެކާ ހިތްހަމަނުޖެހޭ ފަހަރުު އާދެއެވެ. އެކުގައި އުޅޭނަމަ ހީވެފައި އޮންނަނީ ކުރާ މަސައްކަތް ވެސް ކުރަން ޖެހޭނީ ބައިވެރިޔާ ހިތްހަމަޖެހޭނަމައެވެ. ނަމަވެސް ކޮންމެ މީހަކުވެސް އޭނާ ކުރަން ބޭނުންވާ މަސައްކަތެއް ކުރާށެވެ. ދާން ބޭނުންވާ ރޮނގަކުން ކުރިއަށްދާށެވެ. ތިމާގެ ބައިވެރިޔާ އަކީ ރަނގަޅު ބައިވެރިއެއް ނަމަ ކުރާ މަސައްކަތަށް އެއްބާރުލުން ދޭނެއެވެ.
މި ކަންތައްތަކުގެ އިތުރުން ވެސް ތިމާގެ އާއިލާ އާއި ރަހުމަތްތެރިންނާ ގާތް ގުޅުމެއް ބާއްވަން މަސައްކަތްކުރާ މީހާއަކީ ތިމާ އުފަލުގައި ބަހައްޓައިދެވޭނެ ފަދަ ފެންވަރެއްގައި ހުރި މީހެއް ކަމަށް ސައިންސްވެރިން ބުނެއެވެ. އަދި ދެމީހުންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކުރަން މަސައްކަތްކޮށް، ތިމާގެ އަގުވަޒަން ކުރާ މީހަކީ ތިމާގެ ހަޔާތުން ޖާގަ ހޯދަން ބޭނުންވެގެން މަސައްކަތް ކުރާ މީހެއް ކަމަށްވެސް ސައިންސްވެރިން ބުނެއެވެ. ބައިވެރިޔާ އަށް ލިބޭ ކާމިޔާބީތަކަކީ ވެސް ތިމާ އަށް ލިބޭ ކާމިޔާބީތަކެއް ކަމުގައި ދެކި އެކަން ފާހަގަ ކުރުމަކީ ދެމީހުންގެ ގުޅުން ވަރުގަދަވެގެންދާނެ ކަމެކެވެ.
މި ކަންތައްތައް ތިމާގެ ބައިވެރިޔާގެ ކިބައިން ފެންނަނަމަ ސައިންސްވެރިން ބުނަނީ އޭނާއަކީ ތިމާއަށް ވަފާތެރި ތިމާދެކެ ލޯބިވާ އެކުގައި އަބަދުވެސް އުޅެން ބޭނުންވާ މީހެއް ކަމަށެވެ. އެހެންވެ މި ސިފަތައް ހުރި ބައިވެރިއެއް ތިމާއަށް ލިބިއްޖެނަމަ އޭނާ ދޫކޮށްނުލާށެވެ.