ނުވަ އަހަރު ދުވަހު މުއްދަތުގެ ދިގު ކޯޓު ހަނގުރާމައަކަށް ފަހު ނިއުދިއްލީގެ އަވަށްޓެރި ސަރަހައްދެއްގެ ކަމާބެހޭ ފަރާތްތަކުން، މީހުން ދިރިއުޅޭ ދެ އުސް އިމާރާތެއް ތަޅާލައިފިއެވެ. ތަޅާލާފައި ވަނީ އެގަައުމުގެ ނޮއިޑާގައި ހުންނަ ޓުވިން ޓަވަރެވެ.

މިދިޔަ ނުވަ އަހަރު ދުވަހުގެ ތެރޭގައި ހުސްކޮށް ހުރި, 1000 އާ ގާތްކުރާ އަދަދަކަށް އެޕާޓްމަންޓް ހިމެނޭ "އެޕެކްސް"ގެ 32 ބުރިއާއި "ސެޔަން"ގެ 29 ބުރި, ސިކުންތުކޮޅެއްގެ ތެރޭގައި ވެއްޓި ހިރަފުހާއި ކުނިތަކުގެ ބޮޑު ވިލާގަނޑެއް އުފެދުނު އިރު، 3،700 ކިލޯ (8،160 ޕައުންޑް) ގެ ގޮވާތަކެތި ބޭނުންކޮށްގެން ފުނޑުފުނޑު ކޮށްލި މި އިމާރާތަކީ، މިގޮތަށް އިންޑިއާގައި މިހާތަނަށް ގޮއްވާލި އެންމެ ބޮޑު ގޮވުން ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެއެވެ.

މި އިމާރާތް ތަކަކީ ރިއަލް އެސްޓޭޓް ކުންފުނި ސުޕަޓެކް ލިމިޓެޑުން ހިންގި މަޝްރޫއެއްގެ ދަށުން ހަދާފައިވާ އިމާރާތް ތަކެކެވެ. އަދި މިއީ އިމާރާތް ކުރުމުގެ ގަވާއިދާ ހިލާފަށް އިމާރާތް ކޮށްފަައި ވާ ތަނެކެވެ.

ގޮވުމުގެ ކުރިން އެ ސަރަހައްދުގައި ދިރއުޅޭ އެތައް ހާސް މީހުންނާއި މަގުމަތީގައި އުޅޭ ކުއްތާ ފަދަ ޖަނަވާރު ދުރަށް ގެންދަން ޖެހުނު ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ގޮވުމުގެ ސަބަބުން އެއްވެސް ބަޔަކަށް އަނިޔާވެފަައި ވާ ކަމަށް މިހާތަނަށް ރިޕޯޓުކޮށްފައި ނުވެއެވެ.

ނިއުދިއްލީގެ އައިކޮނިކް ގުތުބު މިނާރަށްވުރެން އުސް، ނޮއިޑާގައި ހުރި 100 މީޓަރު އުސް ޓަވަރު ތަޅާލުމަކީ ނަޒާހަތްތެރި ނޫން ޑިވެލޮޕަރުންނާއި ބިއުރޯކްރެޓުންނާ ދެކޮޅަށް އިންޑިއާއިން ވަރުގަދަ ފިޔަވަޅުތަކެއް އެޅަމުންދާ ކަމުގެ ހެއްކެކެވެ.