އާންމުންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ހޯދާފައިވާ ޝޯ "އިންޑިއަން އައިޑަލް" ގެ 13 ވަނަ ސީޒަން އަންނަ މަހު ދައްކާ ގޮތަށް ހަމަޖައްސައިފިއެވެ.

ސޮނީ ޓީވީ އިން ގެނެސްދޭ މި ޝޯ އަންނަ މަހު 10 ވަނަ ދުވަހު ޕްރިމިއާ ކުރާނެއެވެ. ކޮންމެ ހޮނިހިރު އަދި އާދިއްދަ ދުވަހު ރާއްޖެ ގަޑިން ރޭގަނޑު 07:30 ގައި މި ޝޯ ސޮނީ ޓީވީ މެދުވެރިކޮށް ބަލައިލެވޭނެއެވެ. އާ ސީޒަންގެ ޕްރޮމޯ މިހާރު އާންމުކޮށްފައި ވާއިރު މި ފަހަރު ސީޒަންގައި ވެސް ޖަޖުކަން ކުރާނީ ކުރީ ސީޒަނުގައި ވެސް ޖަޖުކަން ކުރި ލަވަކިޔުންތެރިން ކަމަށްވާ ހިމޭޝް ރޭޝަމީ، ނެހާ ކައްކަރު އަދި ވިޝާލް ދަދުލާނީ އެވެ. އަދި މި ޝޯ ގެ ހޯސްޓަކީ އަދިތްޔާ ނާރަޔަން އެވެ.

މިފަހަރުގެ ސީޒަންގައި ވެސް ލަވަކިޔުމުގެ ހުނަރު ހުރި އެތައް ބައިވެރިންނެއް މި ޝޯ މެދުވެރިކޮށް ފެނިގެންދާނެއެވެ. ޝޯގެ ޖަޖު ނެހާ ބުނީ މި ޝޯއަކީ އޭނާ އަށް ވަރަށް ހާއްސަ ޝޯއެއް ކަމަށާި މި ޝޯ މެދުވެރިކޮށް ލަވަކިޔުމުގެ ހުނަރު ހުރި އެތައް ބައިވެރިންނެއް ފެނިގެންދާނެ ކަމަށެވެ. އަދި އިންޑިއަން އައިޑަލް އަކީ މުޅި އިންޑިއާ އަށްވެސް ހާއްސަ ޝޯ އެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އިންޑިއަން އައިޑަލް ސީޒަން 13 ފަށަން ކުޑަދުވަސްކޮޅެއް ވެފައިވާއިރު މިހާރު ކުރިއަށްދަނީ ޝޯ ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ. އައިޑަލް 12 ގެ އެއްވަނަ އަކީ ޕަވަންދީޕް ރާޖަން އެވެ. އޭނާ މިހާރު އަންނަނީ ސޮނީ ޓީވީ އިން ގެނެސްދޭ "ސުޕަ ސިންގާ" ގައި ކުދިންނަށް ކޯޗުކޮށްދެމުންނެވެ.