އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޗީފް މިނިސްޓަރަކަށް ހުންނެވި ގުޖުރާތުގައި 2002 ވަނަ އަހަރު ހިންދޫންގެ ބަޔަކު، މުސްލިމް އާއިލާއެއްގެ 7 މީހަކު މަރާލައި، ހިންގި ލާއިންސާނީ ޖަރީމާގައި ހިމެނޭ 11 މީހުންގެ މައްސަލަ އަލުން ސްޕްރީމް ކޯޓަށް ވައްދައިފިއެވެ.

އެ 11 މީހުންގެ މައްސަލަ އަލުން ސްޕްރީމް ކޯޓަށް ވެއްދީ، އެ މައްސަލައިގައި އެމީހުން 14 އަހަރުގެ ޖަލު ހުކުމެއް ތަމްފީޒު ކުރަމުން ދަނިކޮށް މިނިވަން ކުރުމުންނެވެ.

ސްޕްރީމް ކޯޓަށް އެމައްސަލަ ވެއްދީ އިންޑިއާގެ ކޮމިއުނިސްޓް ޕާޓީ (މާޒިސްޓް) އާއި ކޮންގްރެސްގައި ހިމެނޭ އެމްޕީއަކާއި އަދި އެހެން މީހަކު ގުޅިގެންނެވެ.

މި މައްސަލަ ސްޕްރީމްކޯޓުން ބަލައިގަނެ މާދަމާއަށް ވަނީ ތާވަލް ކޮށްފައެވެ.

ހުޅަނގު އިންޑިއާގެ ސްޓޭޓް ގުޖުރާތުގައި 2002 ވަނަ އަހަރު މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގައި ގޭންގު ރޭޕްކޮށް އާއިލާއެއްގެ 14 މީހަކު ހިންދޫ ޖަމާއަތަކުން މަރާލި ހާދިސާގައި ސަލާމަތްވީ، ބިލްގިސް ބާނޯ ކިޔާ އަންހެނަކާއި 2 ކުދިންނެވެ. މި ބިލްގިސް ބާނޯ ވަނީ އޭނާގެ އެ ހިތި ތަޖުރިބާ ނޫސްތަކަށް ކިޔައިދީފައެވެ.

އޭނާ ބުނެފައި ވަނީ، ގޭންގް ރޭޕްކޮށް އެހެން އަންހެނަކު މަރާލި އިރު އޭނާވެސް ގޭންގް ރޭޕް ކުރި ކަމަށާއި ހޭނެތުމުން އެމީހުން އޭނާ ދޫކޮށް ދިޔައީ ކަމަށެވެ.

މި ހަދިސާ އަކީ ގުޖުރާތުގެ ގޯދްރާ އަވަށުގައި, ފަސިންޖަރު ރޭލެއްގައި އަލިފާން ރޯވެ ހިންދޫ ހައްޖުވެރިންގެ 60 މީހުން މަރުވުމުން ފެށި ހަމަނުޖެހުން ތަކުގެ ތެރޭގައި ހިންގި އެންމެ ބިރުވެރި އެއް ޖަރީމާއެވެ.

އަލިފާން ރޯކުރުމުގެ ތުހުމަތު މުސްލިމުންގެ މައްޗަށް ކޮށް، ހިންދޫ ޖަމާއަތްތަކުން ވަނީ މުސްލިމުންގެ އަވަށްތަކަށް ހަމަލާދީ މާރާމާރީ ހިންގާފައެވެ. ތިން ދުވަހުގެ ތެރޭގައި 1000 އަށް ވުރެ ގިނަ މީހުން މަރުވި އެ ހާދިސާގައި ގިނައީ މުސްލިމުންނެވެ.