އިނގިރޭސި ވިލާތުގެ ޕްރިންސް ވިލިއަމާއި އަނބިކަނބަލުން ކޭޓް ''ސްކޫލް ޓާމް ޓައިމް'' ގައި އެމީހުންގެ އާއިލާ، ލަންޑަނުން ބޭރަށް ބަދަލުވާން ނިންމަވައިފިއެވެ. އެއީ ދަރިންނަށް "އާދައިގެ" އާއިލީ ދިރިއުޅުމެއް ހޯދައިދިނުމުގެ ގޮތުން ކަމަށް ޝާހީ މަސްދަރަކުން ބޭރުގެ ނޫހެއް ކަމުގަވާ ސީއެންއެން އަށް ވަނީ މައުލޫމަތު ދީފަވެއެވެ.
ޕްރިންސް ވިލިއަމް އާއި ކޭޓް އަދި އެމީހުންގެ ދަރިން ދިރިއުޅޭނީ ލަންޑަނާއި ގާތްގަނޑަކަށް 25 މޭލު ދުރުގައި އޮންނަ ބާކްޝަޔާގެ ވިންޑްސާ ކާސަލްގެ ގޯތިތެރޭގައި ހުންނަ ހަތަރު ކޮޓަރީގެ ގެއެއް ކަމަށްވާ އެޑިލޭޑް ކޮޓެޖްގައެވެ. މި ނިންމުމާއެކު ވިންޑްސާ ކާސަލްގައި ދިރިއުޅުއްވާ، އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2 އާއި ކޭޓްގެ އާއިލާއާ އޮންނަ ގުޅުން ވެސް އިތުރަށް ގާތްވެގެން ދާނެ ކަމަށް ޝާހީ މަސްދަރުތަކުން ރިޕޯޓް ކުރެއެވެ.
އެ ދެކަނބަލުން މިހާރު ދިރިއުޅުއްވާ ގެކޮޅު ކަމުގައިވާ ކެންސިންޓަން ޕެލަސް އަދިވެސް ހުންނާނީ އެ އާއިލާގެ ރަސްމީ ގެކޮޅުގެ ގޮތުގައި ކަމަށް ޝާހީ މަސްދަރުތަކުން ރިޕޯޓް ކުރެއެވެ.
ކުދިން, ސްކޫލު ބަދަލުކުރަން ނިންމެވިކަން ކެންސިންޓަން ޕެލަސްއިން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ އިއުލާން ކޮށްފައެވެ. ޖޯޖުއާއި ޝާލޮޓް އަދި ލުއީ ސެޕްޓެމްބަރު މަހުން ފެށިގެން ލަމްބްރޫކް ސްކޫލުގައި ކިޔަވަން ފައްޓަވާނެއެވެ.
ޕްރިންސް ޖޯޖް، ޕްރިންސެސް ޝާލޮޓް އަދި ޕްރިންސް ލޫއީ ވެސް ބަދަލުވާނީ ވިންޑްސާ ކައިރީގައި ހުންނަ މަޝްހޫރު ސްކޫލެއް ކަމަށްވާ ލަމްބްރޫކް ސްކޫލަށެވެ. އެ ސްކޫލަކީ 3 އަހަރާއި 13 އަހަރާ ދެމެދުގެ 615 ފިރިހެން ކުދިންނާއި އަންހެން ކުދިން މިހާރުވެސް ކިޔަވައި ލީޑިން ކޯއެޑިއުކޭޝަނަލް ސްކޫލެކެވެ.
މި ބަދަލާއެކު ވިލިއަމްއާއި ކޭޓްއަށް އެމީހުންގެ ދަރިންގެ ސްކޫލްގައި ކުރިއަށް ވުރެ ގިނައިން އުޅުއްވޭނެއެވެ.
ވިލިއަމާއި ކޭޓް އެމީހުންގެ ދަރިން ގޮވާއިގެން, 2017 ވަނަ އަހަރު ލަންޑަނަށް ބަދަލުވީ އިނގިރޭސިވިލާތުގެ އިރުމަތީ ނޯފޯކްގައި އުޅުއްވާތާ އެތައް އަހަރެއް ވީ ފަހުންނެވެ. ޝާހީ ވާޖިބުތައް އަދާކުރައްވަމުން ގެންދެވި އިރު، އެ ދެމަފިރިން ރަސްމީ ގެއެއްގެ ގޮތުގައި ބޭނުންކުރެއްވީ ކެންސިންޓަންްއެވެ.