އެއްޖިންސުން ގުޅުން ހިންގުމަކީ ރާއްޖޭގައި ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، ޖިނާއީ އިޖުރާއާތުގެ ގާނޫނަށް، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގާ މައްސަލަތައް އިތުރުވެ، އަދި އެ އަމަލު ހިންގާ ފަރާތްތައް ހައްޔަރުކޮށް އެ މީހުނަށް ހައްގު އަދަބު ދިނުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައި ހުށަހެޅުއްވި އިސްލާހުގައި ގާސިމް ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގުމަކީ އާދައިގެ ކުށެއް ކަމަށް ދެކި، އެކަން ކުރާ މީހުން މުޖުތަމައަށް ދޫވެގެން ތިބޭ ނަމަ، އެ މީހުން އެހެން ބަޔަކާ އެކު އެ އަމަލު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި ގޮތުގައި:

  • އެއްޖިންސުން ގުޅުން ހިންގާ މީހުންގެ އުނދަގޫ ފޯރުމުގެ ކުރިން އެ މީހުން މުޖުތަމައުން އެކަހެރިކުރަން ޖެހޭ
  • މުޖުތަމައުގެ ފޭރާން ވީދާލުމަށް އެ އަމަލު ކުރާ މީހުން ދޫކޮށްލައިގެން ނުވާނެ
  • މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ކަމާބެހޭ ފަރާތްތަކާއި ވެރިން މިކަމާ މެދު ފުންކޮށް ވިސްނަން ޖެހޭ

އެއާއެކު ގާސިމް ވަނީ، އެއްޖިންސުން ގުޅުން ހިންގުމަކީ ބޮޑު ކަމެއް ނޫން ކަމަށް ދޭހަވާ އިބާރާތްތަކުން ސިޔާސީ ބައެއް ފަރާތްތަކާއި އާންމުން ވާހަކަ ދައްކަމުން ދާތީ އާއި، ދެ މީހަކު އެކަހެރިވެ ރުހުމުގައި ޒިނޭ ފަދަ ފާހިޝް އަމަލުތަށް ކޮށް އެއްޖިންސުން ގުޅުން ހިންގުމަކީ ކުޑަ ކަމެއްގެ ގޮތުގައި ބައެއް މީހުން ދެކޭތީވެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ގާސިމް ވިދާޅުވީ، އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ފާހިޝް އަމަލު ހިންގާ މީހުން މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ޝަރީއަތް ނިމެންދެން ބަންދުކުރުން މުހިންމު ކަމަށެވެ. އެހެންކަމުން، މިފަދަ އަމަލުތަކުން ދިވެހިން ދުރުކޮށް، ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކުރާ ބޮޑެތި ކުށްތަކުގެ ތެރޭގައި މި ކުށް ހިމެނުމަށް އިސްލާހު ހުށަހަޅުއްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާނޫނުލްއުގޫބާތުގައި އޮންނަ ގޮތުން، އެއްޖިންސުން ގުޅުން ހިންގުމާއި ޒިނޭ ކުރުމަކީ ފަސްވަނަ ދަރަޖައިގެ ކުށެކެވެ. ފަސްވަނަ ދަރަޖައިގެ ކުށެއް ކުރި ކަމަށް ސާބިތުވާ ނަމަ ދެ އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް އެ މީހަކު ޖަލަށް ލައި ބަންދުކުރާނެއެވެ. ނަމަވެސް ގާނޫނުލްއުގޫބާތަށް ވުރެ ފަހުން ވުޖޫދުވެފައިވާ ޖިންސީ ކުށުގެ ގާނޫނުގައިވާ ގޮތުން، ރުހުމުގައި އެއްޖިންސުން ގުޅުން ހިންގައިފި ނަމަ ދެ މީހުން ފަސް އަހަރާއި ހަތް އަހަރާ ދެމެދަށް ޖަލުގައި ބަންދު ކުރާނެއެވެ. ނަމަވެސް، އެކެއްގެ ނުރުހުމުގައި އެ އަމަލު ހިންގައިފި ނަމަ، އެ މީހަކު ހަތް އަހަރާއި ދިހަ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާނެއެވެ.

ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގައި، އެ އަމަލު ކުރާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކުރި މައްސަލައިގައި ފުލުހުން ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ 25 އަހަރުގެ އެމްޑީ އަލަމްގިރި ހައްޔަރުކޮށްފައެވެ. އަލަމްގިރި މިވަގުތު ބަންދުގައި ހުރިއިރު، އޭނާ އާ އެކު ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުން ކަމަށްވާ ގާނޫނީ ވަކީލް އަހްމަދު ނާޒިމް އަބްދުއްސައްތާރާއި، ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ގެ އިތުރުން، ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއު ވަނީ މި މަހުގެ 12 ވަނަ ދުވަހު ދޫކޮށްލައިފައެވެ.

ނަމަވެސް، އެ ތިން މީހުންނާއި އަލަމްގިރިގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާކުރަން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.

އޭގެ އިތުރުން، ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމް އެއްޖިންސުން ގުޅުން ހިންގި އެހެން މައްސަލައެއްގައި ހައްޔަރުކުރިއިރު، ދާދިފަހުން އޭނާ ވެސް ވަނީ ދޫކޮށްލައިފައެވެ.