އެމްޑީޕީއަކީ އަބަދުވެސް ބަދަލުގެ ތެރެއިން ހައްލު ހޯދައިދޭނެ ޕާޓިއެއް ކަމަށާއި ރައްޔިތުންނާއި ގާތުން ކަންކަން ކުރެވޭނެ ގޮތަކަށް ކަންކަން ކޮށްދޭނެ ޕާޓީއެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު ސޯޝަލް ސެންޓަރުގައި ބާއްވަމުންދާ އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ބައްދަލުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިއަދު ކޮންގްރެސް ބާއްވަން އެމްޑީޕީގެ އެތައް މެންބަރުންތަކެއް އެއްތަން ވެފައިވާ އިރު، އެ ޕާޓީ މިއޮތީ ވަރަށް ހައްސާސް ފައްތަރެއްގައި ކަމަށެވެ. ޕާޓީގެ އެއްބަޔަކު ދެކޭ ގޮތުގައި ވެރިކަމުގެ ނިޒާމަށް ގެންނަން ބަދަލެއް ނެތް ކަމަށާއި، ވެރިކަން މިހާރު ކުރަމުން ގެންދާ ގޮތަށް ކުރަމުން ގެންދަން ވީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މި ޕާޓީގެ ފަހުލަވާނުން. ގަދަފަދަ މެންބަރުން ނިކުމެ އަނިޔާ އާއި ބިރުވެރިކަމުގައި އެތައް ޒަމާނެއް ވެ، ކިތަންމެ ފަހަރަކު ގިސްލެވި، އެތައް ދުވަހަކު ހޭނެތި ގޮސް މި ރާއްޖެއަށް ގިނަ ޕާޓީ އެކުލެވޭ ނިޒާމާއި އެކުގައި، މީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ލިބިފައި މިވަނީ. އެކަމަށްޓަކައި މިއަދުގެ ރައީސުލްޖުމްހުރިއްޔާއަށާއި، ޕާޓީގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އަދި މިއަދުގެ ޗެއާ ޕާސަން އަށާއި، އަދި ކުރީގެ ހުރިހާ ޗެއާޕާސަނުންނަށް، ޕާޓީ ހިންގެވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން"
ރައީސް މުހައްމަދު ނަޝީދު

ޕާޓީގެ އަނެއް ބަޔަކު ދެކެނީ ބަދަލު އަދިވެސް ވާން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މި ރާއްޖޭގައި ވެރިކަން ކުރަމުންދާ ގޮތާއި އެ ވެރިކަމުގެ ވައްޓަފާޅި ވެސް އަދިވެސް ބަދަލުވާން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީއަކީ އަބަދުވެސް ބަދަލުގެ ޕާޓީއެއް ކަމަށާއި އެ ޕާޓީއަކީ ދިވެހިރާއްޖެ ބަދަލު ކުރި ޕާޓީ ކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން އެމްޑީޕީގެ މެނބަރުން ނިކުމެ ގިނަ ޕާޓީތަކެއް އެކުލެވޭ ނިޒާމެއް ގެނައީ ވަރަށް ބުރަ މަސައްކަތުން ކަން ފާހަގަ ކުރެއްވިއެވެ. އަދި އެ ދުވަހު އެމްޑީޕީން ބަދަލެއް ގެނައުމަށް ނިކމެ ކުރެއްވި މަސައްކަތުގެ ނަތީޖާ ފާހަގަ ކުރައްވައި ނަޝިދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަދި އެމްޑީޕީގެ ޗެއާޕާސަން ކަން ކުރެއްވި ހުރިހާ ބޭފުޅުންނަށް ހާއްސަ ޝުކުރެއް ރައްދު ކޮށްފައެވެ.

"އިންސާނީ ތޮބިއްޔަތަކީ ބަދަލަށް އެދުން. ޒުވާން ކަމުގެ ޖޯޝަކީ ވެސް ބަދަލަށް ގޮވުން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ. މިއަދު އަޅުގަނޑުމެންނަށް ލިބޭ އެއްޗަކަށް ވުރެ ރަނގަޅު އެއްޗެއް ލިބި އަޅުގަނޑުމެންގެ ހަޔާތް އުޖާލާ ވާނެ ގޮތެއް އަޅުގަނޑުމެން ހޯދުން"
ރައީސް މުހައްމަދު ނަޝީދު

ބަދަލަށް އެދުމަކީ އިންސާނީ ތޮބިއްޔަތުގައި ހުންނަ ކަމެއް ކަމަށާއި ޒުވާން ކަމުގެ ޖޯޝަކީ ވެސް ބަދަލަށް އެދި ގޮވުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ލިބޭ އެއްޗަކަށް ވުރެ ރަނގަޅު އެއްޗެއް ލިބި ހަޔާތް އުޖާލާވާނެ ގޮތެއް ހޯދަން ޖެހޭ ކަމަށާއި އެ އުޖާލާ ހަޔާތް ހޯދުމަށް ތަކުރާރުކޮށް އެމްޑީޕީން ކުރަމުން އައި ކަމަކީ ބަދަލުވަމުން ދިއުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދެކިއުޅުނު ފިތުރަތުގެ އުސޫލަކީ ހެވި ފޯދުން ކަމަށާއި އޮބަހެއްޓުމާއި ހިފެހެއްޓުމަކީ ތަރައްގީއަށް އައި އެންމެ ބޮޑު ހުރަސް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދިވެސް ރާއްޖޭގެ ރައްޔިތުން އެދެނީ ބަދަލަށް ކަން ޝައްކެއް ނެތް ކަމަށާއި އެ ބަދަލުގެ ތެރެއިން އެމީހުންގެ އާންމު ހާލަތު ރަނގަޅު ކުރުމަށް ރާއްޖޭގެ ރައްޔިތުން އަބަދުމެ ގޮވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، 2018 އަހަރު ގެ ރިޔާސީ އިންތިހާބާ އަޅާ ކިޔާއިރު އަންނަ ރިޔާސީ އިންތިހާބަކީ ވާދަވެރި އިންތިހާބަކަށް ވާނެ ކަމަށެވެ. އެއީ 2018 ވަނަ ރިޔާސީ އިންތިހާބަށް ދިޔައިރު ހުރިހާ ލީޑަރުން ތިބީ ހައްޔަރު ކޯށްފައި ކަމަށާއި އަންނަ ރިޔާސީ އިންތިހާބަށް ބަލާއިރު ހުރިހާ ލީޑަރުން މިނިވަން ކަމާ އެކު ތިއްބެވީތީ ގިނަ ލީޑަރުންތަކެއް ނިކުމެ ވާދަވެރި އިންތިހާބެއް ކުރިއަށް ދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.