ކުރިއަށް އޮތް އެމެރިކާގެ މިޑްޓާމް އިލެކްޝަންގައި ކުރިމަތިވާނެ ކަމަށް ބެލެވޭ ފޭކް ކޮންޓެންޓް ނުވަތަ ގޯސް މައުލޫމާތުތަކާ ދެކޮޅަށް, ޓީކްޓޮކުން އަޅާނެ ފިޔަވަޅުތަކެއް ހާމަކޮށްފިއެވެ. ގިނަ ޓެކް ފާމް ތަކުން މިފަދަ މައްސަލަތަށް ހައްލުކުރާނެ ގޮތުގެ ޕްލޭންތައް އެކުލަވާލަނީ އަމިއްލައަށެވެ.
އަންނަ ނޮވެމްބަރުގައި އޮންނަ މިޑްޓާމް އިލެކްޝަނަކީ، ކޮންގްރެސްގެ ކޮންޓްރޯލް އޮންނަ ބައެއް ވަޒަން ކުރާ އިންތިހާބަށް ވާއިރު ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ދޮގު މައުލޫމާތު ނުވަތަ ފޭކް އިންފޮމޭޝަން ފަތުރާނެތީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ޓިކްޓޮކުންވެސް ނިންމީއެވެ.
ޓިކްޓޮކުން ވަނީ ސިޔާސީ އިޝްތިހާރުތައް އެ ޕްލެޓްފޯމްގައި ހިއްސާކުރުން މަނާ ކުރަން ނިންމައި، އެގޭތެރޭގައި ފައިސާ ދީގެން އުފައްދާ ވީޑިއޯތަށްވެސް ހިމޭނޭކަން މިޙާރުންސުރެ ފެށިގެން ހަނދާންކޮށްދޭން ފަށާފައެވެ. ޓިކްޓޮކުން އިތުރަށް ބުނީ، ފައިސާ ދީގެން އުފައްދާފައި ހުންނަ ސިޔާސީ ކޮންޓެންޓަކީ ތެދުމައުލޫމާތު ނޫންކަން އެނގިއްޖެނަމަ ލަސްނުކޮށް އެ މައުލޫމާތެއް އެ ޕްލެޓްފޯމުން ނަގާނެ ކަމަށްވެސް ބުނެފައެވެ.
ވޯޓުލާނެ ގޮތާއި ތަންތަން އެނގޭނެ ގޮތަށް "އިލެކަޝަން ސެންޓަރެއް'' ތައާރަފް ކޮށްފައި ވާއިރު, އޮންލައިން ކޮންޓެންޓާ މެދު ފާޑު ކިޔައި ވިސްނުމަށް ހިތްވަރު ދިނުމަށްޓަކައި ވީޑިއޯތަކެއް ވެސް ޓިކްޓޮކްގައި ފީޗާކޮށްފައިވާ ކަމަށް ބުނެއެވެ.
ފުޅާދާއިރާއެއްގައި މަގުބޫލުކަން ހޯދާފައި ވާ ވީޑިއޯ ޝެއަރިން އެޕް، ޓިކްޓޮކްގެ އިލެކްޝަންސް ސެންޓަރަށް, އިންތިހާބާ ގުޅޭ އިތުރު ކޮންޓެންޓުތަކާއި ސަރުކާރުގެ އޮފީސްތަކާއި, ސިޔާސީ ބޭފުޅުންނާއި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ބޭފޫޅުންގެ އެކައުންޓުތައް ފަދަ އިންތިހާބާ ގުޅުން ހުރި ގިނަ ކަންކަން ދެނެގަނެވޭނެ އިންތިޒާމް ހުރީ ހަމަޖައްސާފައެވެ.
ޓިކްޓޮކުން ކޮންޓެންޓުގެ ސައްހަކަން ވަޒަންކުރުމަށް އޮޓޮމެޓިކް ސިސްޓަމްތަކާއި, ހިއުމަން ފެކްޓް ޗެކާސް ބޭނުން ކުރާނެ ކަމަށާއި, އެކަމުގެ ސަބަބުން ހަގީގަތެއް ނެތް މައުލޫމާތު ހިމެނޭ ޕޯސްޓުތައް ހިއްސާކުރުމާމެދު ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުން އަލުން ވިސްނަން ޖެހޭނެ ކަމަށްވެސް ބުނެއެވެ.
ޓިކްޓޮކާ ގުޅިގެން މަސައްކަތްކުރާ އެއް ޖަމިއްޔާ ކަމުގައިވާ ފެއާ އިލެކްޝަން ސެންޓަރުގެ ކެމްޕަސް ވޯޓް ޕްރޮޖެކްޓުން، ރަޖިސްޓްރީ ކުރުމާއީ, ވޯޓުލުމަށް މައުލޫމާތު ދިނުމަށް އެހީތެރިވަމުންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. 2018 ވަނަ އަރާއި 2020 ވަނަ އަހަރުގެ އިންތިހާބުގައި ރެކޯޑު އަދަދަކަށް ޒުވާނުންނާއި ދަރިވަރުން ވޯޓުލީ މަންޒަރު ފެނުނުކަމަށް ޓިކްޓޮކުން ވަނީ ބުނެފައިއެވެ. ޓިކްޓޮކް އަކީ އެމެރިކާގެ ފުރާވަރު ކުދިންގެ މެދުގައި އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށް ޕިޔު ރިސާޗް އިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ވެއެވެ.
ޓިކްޓޮކާ އެއް ފަދައިން ޓެކް ޖަޔަންޓް އެހެން ކުންފުނިތަކުންވެސް މިހާރު ވަނީ އިންތިހާބަށް ތާއްޔާރުވެފައެވެ.