އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުމަށް، ޖަލުތަކުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން ހުކުމް ތަންފީޒުކޮށް ނިމިފައިވާ މީހުންނަށްވެސް ޖަލުގައި ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.
އެ ސާވިސް އިން ބުނީ ޖަލު ހުކުމް ތަންފީޒުކޮށް ނިމިފައިވާ މީހުންނާ، ޕެރޯލްގެ ދަށުން މުޖުތަމައަށް ދޫކޮށްފައިވާ މީހުންނަށް ޖަލަށް ވޯޓް ލެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، ޖަލަށް ރަޖިސްޓްރީކޮށްފައިވާ ކޮންމެ މީހަކުވެސް އެ މީހަކު ރަޖިސްޓްރީކޮށްފައިވާ ޖަލަކަށް ދިއުމުން އެތަނެއްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓު ލެވޭނެ ކަމަށް އެ ސާވިސް އިން ވަނީ ބުނެފައެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު އިންތިހާބުގައި ވޯޓުލުމަށް ޖަލުގައިވަނީ 7 ވޯޓު ފޮށި ބަހައްޓާފައެވެ. އެގޮތުން ހުޅުމާލޭ ޖަލުގެ 1 ނަންބަރު ވޯޓު ފޮއްޓަށް 562 މީހަކު ވޯޓުލުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މާފުށީ 1 ނަންބަރު ވޯޓު ފޮއްޓަށް 563 މީހަކު ވޯޓުލުމަށް ހަމަޖެހިފައިވާއިރު މާފުށީ 2 ނަންބަރު ވޯޓު ފޮއްޓަށް 564 ވޯޓުލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އައްސޭރި ޖަަލަށް 565 ވޯޓު އަދި ދޫނިދޫ ޖަލަށް 566 މީހަކު ވޯޓުލުމަށް ވަނީ ހަމަޖެހިފައެވެ.
