އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ 4 ވަނަ ކޮންގްރެސްއަށް ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފިއެވެ.

ރައީސް މިހެން އެދިވަޑައިގެންފައި ވަނީ، ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނޫނުއަސާސީ އަށް ގެންނަން ފެނިވަޑައިގަންނަވާ އިސްލާހުތަކާ އެކު އެމްޑީޕީގެ ކޮންގްރެސްއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާ ގަރާރު އިއްޔެ އާންމު ކުރެއްވުމާ ގުޅިގެން، މިއަދު ރާއްޖެ ޓީވީ އަށް ދިން އިންޓަވިއުއެއް ގައެވެ. އަދި އެމަނިކުފާނު ވިދާޅުވީ، ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާ ކަމަށެވެ.

މިވަގުތަށް ރާއްޖެއަށް މުހިންމީ، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށާއި، މިވަގުތަކީ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރަންވީ ވަގުތު ނޫން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ވުރެ އަދި އޮތީ މާ ޅަފަތުގައި ކަމަށާއި، އެހެންނަމަވެސް، ބަރުލަމާނީ ނިޒާމް ގެންނަން މަސައްކަތް ކުރާ ނަމަ އެ މަސައްކަތް ކުރެއްވިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ބަރުލަމާނީ ނިޒާމު ގެނައުމުގެ ކުރިން ކުރެވިދާނެ ކަންކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެ ނިޒާމާ ގުޅޭގޮތުން ރައްޔިތުން ކައިރިއަށް ގޮސް ވާހަކަ ދައްކާ، ރައްޔިތުންނަށް އެ ނިޒާމު އޮޅުންފިލުވައިދީ، އެކަމާ ގުޅޭ ގޮތުން ބަހުސް ކުރެވި، ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށް އޭގެ ފަހުން މަސައްކަތް ކުރެއްވިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ރައީސް ސޯލިހް ވަނީ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ތައްޔާރަށް ހުންނެވި ކަން ހާމަކުރެއްވައި ކޯލިޝަނާ އެކު ދެވަނަ ދައުރެއްގައި ނިކުމެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކީ ސީދާ ރައްޔިތުންގެ ވޯޓަކުން މެނުވީ ގެނެވޭނެ ބަދަލެއް ނޫން ކަމަށް ވެސް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރައްވާ އިރު، އެކަމާ ގިނަ ބަޔަކު ވަނީ ދެކޮލޫ ހައްދަވާފައެވެ. އޭގެތެރޭގައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި، އަދާލާތު ޕާތީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް ހިމެނިވަޑައިގަންނަވައެވެ.