މ. ދިއްގަރު ކައުންސިލާއި ތ. ގާދިއްފުށީ ކައުންސިލުން ހުސްވި ދެ ގޮނޑީގެ ބައި އިލެކްޝަން އިންތިހާބު އެމްޑީޕީން ކާމިޔާބު ކޮށްފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ ބައި އިލެކްޝަނަކީ ދިއްގަރު ކައުންސިލްގެ މެންބަރަކު އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ ގޮނޑި އާއި ގާދިއްފުށީގެ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑީގެ ބައި އިލެކްޝަނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ތ. ގާދިއްފުށި އަދި މ. ދިއްގަރު ލޯކަލް ކައުންސިލް ބައި-އިލެކްޝަންތަކުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އެ ދެ ގޮނޑި އެމްޑީޕީން މިއަދު ވަނީ ކާމިޔާބު ކޮށްފައި ކަމަށެވެ. އެމްޑިޕީން އެ ދެގޮނޑި ކާމިޔާބު ކުރީ ޕީޕީއެމްގެ ދެ ކެންޑިޑޭޓުންނާ ވާދަކޮށްގެންނެވެ.

ދިއްގަރު ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ އާރިފެވެ. އޭނާއަށް 375 ވޯތު ލިބިފައިވާ އިރު އޭނާއާ ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުލްހަންނާނަށް ލިބުނީ 320 ވޯޓެވެ.

ގާދިއްފުށީ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް ޒުހައިލާ އަހުމަދެެވެ. އޭނާއަށް 210 ވޯޓު ލިބިފައިވާ އިރު އޭނާއާ ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓަށް ލިބުނީ 201 ވޯޓެވެ. އަދި އެމްއާރުއެމް އިން އެ ގޮނޑިއަށް ވާދަކުރި ކެންޑިޑޭޓަށް ލިބުނީ ހަތަރު ވޯޓެވެ.