އިކޮނަމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާ ދެކޮޅަށް މަސައްކަތް ކުރެއްވުމަކީ ކުރެއްވުނު ގޯސް ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީސް މެންބަރުންގެ ވަޓްސްއެޕް ގްރޫޕުގައެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ކޮންގްރެސްގައި އިސްކޮށް އުޅުއްވުމާ ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސައިން) ވަނީ ޝަކުވާ ކުރައްވާފައެވެ.

މި ޝަކުވާއާ ގުޅިގެން ފައްޔާޒާއި އަދި ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ވަނީ ކޮންގްރެސްގެ ކަންކަމުގައި އިބްރޭ އިސްކޮށް އުޅުއްވުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށް ވިދާޅުވެފައެވެ.

މިގޮތުން އަނދުން ހުސެއިނަށް ރައްދު ދެއްވަމުން ނަޝީދު ވަނީ ފައްޔާޒާ ދެކޮޅަށް ކުރިން މަސައްކަތް ކުރެއްވުނީ އަނދުން ހުސެއިނާ ހެދި ކަމަށް ވިދާޅުވެފައެވެ.

އެއް ފަހަރު ހުސެއިން އަޅުގަނޑު ލައްވާ އެކަން ކުރުވި. އެއީ އަޅުގަނޑަށް ކުރެވުނު ގޯސް ކަމެއް.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މީގެ އިތުރުން ފައްޔާޒާ އިދިކޮޅަށް ދެން ނާރުއްވާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވާއިރު ނަޝީދު ވަނީ މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ތެރޭގައި ފައްޔާޒަށް ތަފާތު އެކި ތުހުމަތުތައް ކުރައްވާފައެވެ.