ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢުގެ ބީލަން މަރުހަލާ ނިމި، ބީލަން ކާމިޔާބުކޮށްފައިވާ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑު ކަމަށެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ 136.6 މިލިއަން އެމެރިކާ ޑޮލަރަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅުގައި ފެށިގެންދާނެ ކަމަށާއި އަދި 2024 ގައި މަޝްރޫއު ނިމި އެއާޕޯޓްގެ ހިދުމަތް ފެށިގެންދާނެ ކަމަށެވެ.

އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއި ކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ، މިމަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެން ދާނެ ކަމަށާއި އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ނިމުމުން ބޮޑުތިލަދުންމަތީގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ ސަބަބުން އުތުރުގެ އަތޮޅުތަކުގައި ވިޔަފާރިއާއި ވަޒިފާގެ ފުރުސަތުތައް ވެސް އިތުރުވެގެންދާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެންމެ މުހިއްމު އެއް މަޝްރޫއު ކަމަށެވެ. އަދި މި މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގްތިސާދީ މައި ހަބެއް ގާއިމުކޮށް، އެ ސަރަހައްދުގައި ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަށެވެ.