އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރުގެ ބަންދަށް އިތުރު 7 ދުވަސް ޖަހައިފިއެވެ.

މިއަދު ނާޒިމްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ކްރިމިނަލް ކޯޓުންނެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރް އާއި އެކީ އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ނާޒިމް ހައްޔަރު ކޮށްފައިވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހު އއ. އަތޮޅު ވެލިގަނޑު ރިސޯޓުންނެވެ. އަދި ރަސްދޫއަށް ގެންގޮސް އެރަށު މެޖިސްޓްރޭޓް ކޯޓުން ވަނީ 7 ދުވަހުގެ މުއްދަތެއް ދީފައެވެ.

ނާޒިމް ހައްޔަރުކުރަން ކޯޓު އަމުރު ނެރުމާއެކު ރިސޯޓަކަށް ވަޑައިގެން ކަމުގެ އަޑުތައް ގަދަވި ނަމަވެސް ނާޒިމްގެ ގާނޫނީ ވަކީލު ވިދާޅުވީ ކޯޓު އަމުރު ނެރުނުއިރު ވެސް ނާޒިމް ހުންނެވީ ރިސޯޓުގައި ކަމަށެވެ.

ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރް އާ އެކު ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ދައުރުވެފައި ވާއިރު އެކަމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ނާޒިމް ސައްތާރުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ކާނަލް ނަޝީދާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު އަދި ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހިމް ވަނީ ހައްޔަރު ކޮށްފައެވެ. ނަސީރު ގުޅުން ހިންގާތަން ފެންނަ ވީޑިއޯގައި ފެންނަނީ އަލަމްގިރިއެއް ނޫނެވެ. އަދި އަލަމްގިރް ހައްޔަރު ކޮށްފައި ވަނީ ވީޑިއޯ ނަގާ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައެވެ.