ޔޯގާގެ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ޝައިޚް އާދަމް ނިޝާން ބަންދަށް އިތުރު 3 ދުވަސް ޖަހައިފިއެވެ.
ނިޝާންގެ ބަންދުގެ މުއްދަތު ހަމަވާތީ އިއްޔެ ހެނދުނު ކޯޓަށް ހާޒިރު ކުުރުމުން ކޯޓުން ވަނީ އިތުރު ތިން ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ އިއްޔެ ނިޔަލަށް އޭނާ ބަންދުގައި ހުންނަތާ 42 ދުވަސް ހަމަވެފައިވާ ކަމަށާއި ތަހުގީގުގެ މުއްދަތު އިތުރު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހެޅުމަށް ފުލުހުން ނިންމާފައިވާ ކަމަށެވެ.
ގަލޮޅު ދަނޑު ސަރައްހަދުގައި ނިޝާން ހަރަކާތްތެރިވާ މަންޒަރު ފެންނަ ސްނެޕްޝޮޓްތަކަކާއި އިންޓެލިޖެންސް ރިޕޯޓް ނިޝާންގެ މައްޗަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި ހިމެނެއެވެ.
އާންމު އުސޫލަކީ އިންޓެލިޖެންސް ރިޕޯޓު ހެއްކެއްގެ ގޮތުގައި ބަލައިނުގަތުން ކަމަށް ވީ ނަމަވެސް ނިޝާން ބަންދުގައި ބަހައްޓަން އެދިފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކަމަށް ވުމާއެކު އެ ގާނޫނުގެ ދަށުން ތުހުމަތު ކުރާ މައްސަލަތަކުގައި އިންޓެލިޖެންސް މައުލޫމާތަކީ ހެއްކެއްގެ ދަރަޖައިގެ، ކުށް ސާބިތުކުރުމުގެ ވަސީލަތެއް ކަމަށް އެ އަމުރުގައި ވަނީ ބުނެފައެވެ. އަދި އެއްވުމުގައި ނިޝާން ދެއްކި ވާހަކަތަކުން އެ ވަގުތާއި ހާލަތާއި ތަނަށް ބަލާއިރު އެއީ އާންމު މަސްލަހަތު ގެއްލި، ހަމަނުޖެހުމަށް ސީދާ ގޮތުން މަގުފަހިކުރުވި ކަންކަން ކަމަށް ބެލެވޭ ކަމަށް ވަނީ އެ އަމުރުގައި ބުނެފައެވެ.
ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިހް ނިޝާންގެ އިތުރުން ޝައިޚް ފަޒްލޫން ބިން މުހައްމަދު ވެސް ހައްޔަރުކުރިއެވެ. ނަމަވެސް ފަޒްލޫން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ.
ޝައިޚް ފަޒްލޫނާއި ޝައިޚް ނިޝާނަށް ދޫކޮށްފައި އޮތް ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ އަނބުރާ ގެންގޮސްފައެވެ. އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި އެ މިނިސްޓްރީން ބުނީ، ޝައިޚް ނިޝާނާއި ޝައިޚް ފަޒްލޫނަށް ދީފައިވާ ހުއްދަ އަތުލާފައިވަނީ ވަނީ ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ، ފުލުހުން އެ ދެ ޝައިޚުންގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގަމުން ދާތީ ކަމަށެވެ.