އެމެރިކާގެ މަޖިލީސް ހަދާ ގޭގެ ރައީސް ނޭންސީ ޕެޓްރީޝިއާ ޕެލޯސީ ޓައިވާނަށް ވަޑައިގަތުމާ ގުޅިގެން ރުޅިއައިސް ރަތްވެފައި އޮތް ޗައިނާއިން ޓައިވާން ކައިރީގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގައިފިއެވެ.

ޕެލޯސީ ޓައިނާވަށް ވަޑައިނުގަތުމަށް ޗައިނާއިން އިންޒާރު ކޮށްފައި ވަނިކޮށްވެސް ޓައިވާނަށް ވަޑައިގަތުމާ ދިމާކޮށް ޗައިނާއިން ހިންގާ އަސްކަރީ އޮޕަރޭޝަންގައި ޓައިވާން ވަށައިގެން ކަހަލަ ގޮތަކަށް ބެލެސްޓިކް މިސައިލްގެ 11 މިސައިލް ވަނީ ޖައްވަށް ފޮނުވާލާފައެވެ. އަދި ކަނޑުގެ ބާރާއި، ސަބްމެރީނާއި، ހެލިކޮޕްޓަރުތަކާއި މަނަވަރުތައް ބޭނުން ކޮށްގެން އޮޕަރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހަބަރުތައް ބުނާ ގޮތުން، ޗައިނާއިން ފޮނުވާލި އިންޒާރުގެ މިސައިލްތަކުގެ ބައެއް ވެއްޓުނީ ޖަޕާނުގެ ކަނޑުގެ ސަރަހައްދަށެވެ. މި މައްސަލާގައި ޖަޕާނުން އެކަން ޔަގީން ކޮށްދެމުން ބުނެފައި ވަނީ، ޗައިނާގެ އޮޕަރޭޝަން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު ޕެލޯސީ ޓައިވާނަށް ވަޑައިގަތީ އިރުމަތީ އޭޝިއާއަށް ކުރައްވާ ދަތުރެއްގައި މަޑުކޮށްލެއްވުމަށެވެ. އެ ދަތުރުގައި ޕެލޯސީ މިހާރު ޖަޕާނުގައި ހުންނެވި އިރު، ދަތުރުގެ ތާވަލުގައި ސިންގަޕޫރާއި މެލޭޝިއާ އަދި ދެނުކު ކޮރެއާވެސް ހިމެނެއެވެ.

ޓައިވާނަކީ، ޗައިނާގެ އަޅުވެތިކަމުން މިނިވަން ވުމަށް މަސައްކަތް ކުރާ ގައުމެކެވެ. ނަމަވެސް ޗައިނާއިން އެކަން ބަލައި ނުގަނެ ޓައިވާނުގެ މައްޗަށް އަތްގަދަކޮށް ގިނަ ފިއްތުންތައް ވަނީ ކުރިމަތިކޮށްފައެވެ. ޗައިނާގެ ފިއްތުންތަކާ އެކުވެސް ޓައިވާނުން ބުނަމުން ދަނީ މިނިވަން ކަމަށް ކުރާ ހަނގުރާމައަށް ތަންފުކެއްވެސް ދޫ ނުދޭނެ ކަމަށާއި، ގައުމު ދިފާއު ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރާނެ ކަމަށެވެ.

ޓައިވާނަކީ މިހާރުވެސް އަމިއްލަ ގާނޫނު އަސާސީއަކާއި އަމިއްލަ ވެރިކަމެއް ކުރާ ތަނެކެވެ. އަދި އަމިއްލަ އަސްކަރީ ބާރެއްވެސް އޮންނަ ތަނެކެވެ. ނަމަވެސް ޗައިނާއާ އިންވެެގެން އޮންނާތީ ޗައިނާއިން ގަބޫލު ކުރަނީ ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށާއި ގަދަބާރުން ވިޔަސް ޗައިނާގެ ބައެއްގެ ގޮތުގައި ބާއްވަން ޖެހޭ ކަމަށެވެ.