މަންޓާ އެއާގެ ބޯޓަކުނަ ބަލި މީހަކު ގޮވައިގެން ދަތުރުކުރަން ދެކޮޅު ހެދި ކަމަށް ބުނެ ކުރި މުޒާހަރާ އާ ގުޅިގެން 6 މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ހައްޔަރުކުރި 6 މީހުންގެ ތެރެއިން 4 ފިރިހެނަކު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި އަނެއް ދެ މީހުން ހައްޔަރުކުރީ އެ މީހުން ހައްޔަރުކުރަން އުޅުމުން އެކަމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 27 އަހަރުގެ ދެ މީހަކާއި 28 އަހަރާއި 31 އަހަރުގެ ދެ މީހެއްގެ އިތުރުން 32 އަހަރުގެ މީހެއް ކަަމަށް ފުލުހުން ބުނެއެވެ.
ދ. ކުޑަހުވަދޫގައި އޮންނަ ދާލު އެއާޕޯޓުގައި ބަލިމީހަކު އުފުލަން މަންޓާއިން ދެކޮޅުހެދި ކަމަށް ބުނެ އެ ރަށު ރައްޔިތުން މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއްޔެ ހަވީރާ ހަމައަށް މުޒާހަރާ ކުރި އިރު އެކަމާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ، ކުރިއަށް ތިން މަސް ދުވަހުގެ ތެރޭގައި ފްލައިޓްގައި ބަލި މީހުން އުފުލޭނެ ގޮތް ހެދުމަށް މަންޓާ އެއާ އާއި ފްލައިމީއަށް އަންގާފައިވާ ކަމަށެވެ.
ނަހުލާ ވަނީ މި މައްސަލަ ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަންޓާ އެއާލައިންގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވެފައި ވަނީ، ކުޑަހުވަދޫގެ މުޒާހަރާއާ ގުޅިގެން މަންޓާ އެއާގެ އޮޕަރޭޝަންތަކަށް ބުރުއަރާފައިވާ ކަމަށެވެ.
މުޒާހަރާއާ ގުޅިގެން އެރަށުގެ އެއާޕޯޓުގައި 12 ފަތުރުވެރިއަކު ތާށިވެފައި ތިބެން ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނޭ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ހަލީލް އިތުރަށް ވިދާޅުވީ އެމީހުންނަށް އެއާޕޯޓު ދޫކޮށް ދެވުނީ އަންގާރަ ދުވަހުގެ ހެނދުނު 07:00 ހާއިރު މަންޓާގެ ސީޕްލޭނެއް މެދުވެރިކޮށް ކަމަށެވެ.
ހަލީލް ވަނީ އެމުޒާހަރާގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަން ފާހަގަ ކުރައްވާފައެވެ.
މަންޓާ އެއާގެ ކޮމާޝަލް މެނޭޖަރު އިބްރާހީމް ޝިފާން ވިދާޅުވީ ބަލިމީހަކު އުފުލުމަށް އޮންނަ އުސޫލުގެ ތެރެއިން، މިހާތަނަށް އެ އެއާލައިނަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާކަމަށެވެ. އަދި މަންޓާގެ ބޯޓުތަކަކީ، ބަލި މީހުން އަރުވަން ބޭނުންކުރާ ސްޓްރެޗާ އެރުވޭ ގޮތަށް ފަރުމާކޮށްފައި ހުންނަ ބޯޓުތަކެއް ނޫންކަން ޝިފާން ވަނީ ވިދާޅުވެފައެވެ.