ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގުމުން، ޕިކަޕް ޑްރައިވަރުގެ ނޭފަތް ފަޅާލައި، ފިލައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ޕިކަޕް ޑްރައިވަރު އިނީ ނޭފަތް މަތީގައި ޓިޝޫއެއް އަޅައި ލޭ މަނާ ކުރާށެވެ. އެކްސިޑެންޓް ހިނގި ސަރަހައްދު ކަމަށްވާ އަލިކިލޭގެފާނު މަގާއި މަޖީދީމަގު ގުޅޭ ސަރަހައްދަށް ބައިވަރު މީހުން އެއްވެފައި ތިއްބެވެ.

މީޑިއާ އަށް ފޮނުވި މައުލޫމާތުގައި ފުލުހުން ބުނީ، އެ ސަރަހައްދުގައި ހިނގި އެ އެކްސިޑެންޓަށް ފަހު، ސައިކަލު ދުއްވަން އިން މީހާ ޕިކަޕް ޑްރައިވަރުގެ ގައިގައި ޖަހައި، ނޭފަތް ފަޅާލިކަމުގެ މައުލޫމާތު މިރޭ 7:28 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ މާރާމާރީގައި ނޭފަތް ފަޅައިގެން ދިޔަ ޕިކަޕް ޑްރައިވަރަށް ފަރުވާ ދިނުމަށް މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މާރާމާރީ ހިންގައި ނޭފަތް ފަޅާލި މީހާ އެ ސަރަހައްދު ދޫކޮށް ފިލާފައިވާ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ، މާރާމާރީ އާއި އެކްސިޑެންޓުގެ މައްސަލަ ތަހްގީގު ކުރަމުން ދާ ކަމަށެވެ.