ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ހިފަހައްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާތައް ނައްތާލައިފިއެވެ.

ފުލުހުން ބުނީ، މި އަހަރުގެ ޖޫން މަހުގެ 6 އިން ޖުލައި 6 އާ ދެމެދު ކޫއްޑޫ އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރިންގެ އަތުން ނަގައި އެމްއެންޑީއެފް އިން ފުލުހުންނާ ހަވާލުކޮށްފައިވާ ބަނގުރަލާއި ބިޔަރު ދަޅު އިއޔްެ ނައްތާލާފައިވާ ކަމަށެވެ. އެގޮތުން ނައްތާލާފައި ވަނީ 149 ފުޅި ބަނގުރަލާއި 44 ދަޅު ބިޔަރު ކަމަށް ފުލުހުން ބުނެއެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.

މީގެ ކުރިން ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ މަސްތުވާތަކެތި ފުލުހުން ނައްތާލައެވެ. މި ތަކެތި ނައްތާލަނީ މީޑިއާ އަދި އާންމުންނަށް ވެސް އޮބްޒާވްކުރުމަށް ހުޅުވާލައިގެންނެވެ.