މިއަހަރުގެ މެދު ރާސްތާ ބަޖެޓާއި އަންނަ އަހަރުގެ ފިސްކަލް ސްޓްރެޓަޖީގައި ބްލޮކް ގްރާންޓްގެ ގޮތުގައި މާލެ ސިޓީ ކައުންސިލަށް 166 މިލިއަން ރުފިޔާ ދޭން އަންދާޒާ ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި ވަކި ވަކި ކައުންސިލްތަކަށް ދޭން ލަފާ ކުރާ އަދަދުތައް ވަނީ އާންމު ކޮށްފައެވެ. އެ ސާކިއުލާގައި ބުނެފައި ވަނީ، އެ އަދަދުތަކަކީ އަންނަ އަހަރުގެ މެދުރާސްތާ ބަޖެޓުގައި މުރާޖާކުރެވޭނެ އަދަދުތަކެއް ކަމަށެވެ. ކައުންސިލްތަކުން ބަޖެޓް ފައިނަލް ކުރާނީ ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލޫން ހިންގުމުގެ ގާނޫނު) ގައިވާ ގޮތުގެ މަތިން 2023 ވަނަ އަހަރުގެ ދައުލަތުގެ މެދުރާސްތާ ބަޖެޓު ފާސްކުރުމުން އެ ބަޖެޓުގައިވާ އަދަދުތަކަށް ރިއާޔަތް ކޮށް ކަމަށް ފިނޭންސުން ބުނެއެވެ.

ސިޓީތަކަށް 2023 އިން 2025 އަށް ލަފާ ކުރާ ބްލޮކް ގްރާންޓް

ބްލޮކް ގްރާންޓް ނުވަތަ މަރުކަޒީ ސަރުކާރުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ގޮތުގައި 2023ގައި ދޭން އަންދާޒާ ކޮށްފައި އަދަދުތަކަށް ބަލާއިރު އެންމެ ބޮޑު އަދަދެއް ދޭން ނިންމާފައި ވަނީ މާލެ ސިޓީ ކައުންސިލަށެވެ. އެ ގޮތުން އަންނަ އަހަރު މާލެ ސިޓީ ކައުންސިލަށް 166 މިލިއަން ރުފިޔާ ދޭން ނިންމާފައިވާ އިރު، 2024 ވަނަ އަހަރު މާލެ ސިޓީ ކައުންސިލަށް 173 މިލިއަން ރުފިޔާ އަދި 2025 ގައި 200 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ފިނޭންސުން ވަނީ އަންދާޒާ ކޮށްފައެވެ.

އެއަށް ފަހު އެންމެ ބޮޑު އަދަދެއް ދޭން ނިންމާފައި ވަނީ އައްޑޫ ސިޓީ ކައުންސިލަށެވެ. އެއީ 2023ގައި 75 މިލިއަން ރުފިޔާ، 2024 ގައި 78 މިލިއަން ރުފިޔާ އަދި 2025 ގައި 90 މިލިއަން ރުފިޔާގެ ހިލޭ އެހީއެވެ.

ހަމައެއާއެކު ފުވައްމުލަކު ސިޓީ ކައުންސިލަށް އަންނަ އަހަރު 48 މިލިއަން ރުފިޔާ ދޭން ނިންމާފައިވާ އިރު، 2024 އަށް އެ ކައުންސިލަށް 50 މިލިއަން ރުފިޔާ އަދި 2025 ގައި 58 މިލިއަން ރުފިޔާ އަކީ ލަފާ ކުރާ ބްލޮކް ގްރާންޓް ކަމަށް ފިނޭންސުން ބުނެއެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް އަންނަ އަހަރު 36 މިލިއަން ރުފިޔާ، 2024 ގައި 37 މިލިއަން ރުފިޔާ އަދި 2025 ގައި 43 މިލިއަން ރުފިޔާ އަކީ ލަފާ ކުރާ ބްލޮކް ގްރާންޓް ކަމަށް ފިނޭންސުން ބުނެއެވެ.

ބްލޮކް ގްރާންޓްގެ ގޮތުގައި އަންނަ އަހަރަށް ކަނޑައަޅާފައިވާ މި އަދަދުތައް މުރާޖާ ކުރާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނިނަމަވެސް ބަޖެޓުގައި ލަފާ ކުރާ އަދަދުތަކަށް ބަލައިގެން ކައުންސިލްތަކުން އަންނަ އަހަރުގެ ބަޖެޓު އެކުލަވައިލަން މިނިސްޓްރީން ވަނީ އެދިފައެވެ. އެގޮތުން 2023 އިން 2025 އަށް ލަފާ ކުރާ މެދުރާސްތާ ބަޖެޓް އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމަށް އެ މިނިސްޓްރީން ނެރުނު ސާކިއުލާގައި ވަނީ ބުނެފައެވެ.