2000 ހައުންސިން ޔުނިޓް އަޅަން 119 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމާއެކު އިތުރު 5 އެއްބަސްވުމެއްގައި ދިވެހިރާއްޖެއިން އިންޑިއާއާއެކު މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތައް ބަދަލުކޮށްފައި ވަނީ ނިއުދިއްލީގެ ހައިދަރުއާބާދު ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކުރިފުޅުމަތީގައެވެ.
މިއަދު ސޮއިކުރި ހަ އެއްބަސްވުން ތަކަކީ:
- 2000 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުން
- ކައުންސިލްތަކާއި އެލްޖީއޭ ބާރުވެރިކުރުން
- ސައިބާ ސެކިއުރިޓީ ވަރުގަދަކުރުން
- މަސްވެރިކަން އިތުރަށް ތަރައްގީ ކުރުން
- ކާރިސާތަކުން އަރައިގަތުމާއި ރާއްޖެއަށް އެހީ ފޯރުކޮށްދިނުން
- ޕޮލިސް އިންފްރާ ސްޓަކްޗާ ވަރުގަދަކުކުރުން
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިއަދު ބަދަލުކުރި އެއްބަސްވުންތަކުގެ ތެރެއިން މީގެ އިތުރުން، ހުޅުމާލޭގައި އިތުރު 2،000 ސޯޝަލް ހައުސިން ޔުނިޓް އެޅުމަށް 119 މިލިއަން އެމެރިކާ ޑޮލަރުގެ ލެޓާ އޮފް އިންޓެންޓް އޮން ބަޔާސް ކްރެޑިޓް ފަންޑިން އެޕްރޫވަލް އެއްބަސްވުމެއްގައި ފިނޭންސް މިނިސްޓްރީއާއި އެގްޒިމް ބެންކް އޮފް އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިން އޮން ކެޕޭސިޓީ ބިލްޑިން އެންޑް ޓްރެއިނިން އޮފް މެންބާސް އޮފް ލޯކަލް ކައުންސިލްސް އެންޑް ވިމެން ޑިވެލޮޕްމަންޓް ކޮމިޓީ އެންޑް ސްޓާފް އޮފް ލޯކަލް ގަވާމަންޓް އޮތޯރިޓީ" އަކީ ދެ ގައުމުގެ ދެމެދުގައި ފަންނީ ގާބިލުކަން އިތުރުކުރުމަށް ފޮރިން މިނިސްޓްރީއާއި އިންޑިއާގެ މިނިސްޓްރީ އޮފް ރޫރަލް ޑިވެލޮޕްމަންޓް އެންޑް ޕަންޗަޔާތީ ރާޖްއާ ދެމެދު ވި އެއްބަސްވުމެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ، މި އެއްބަސްވުމުގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އިތުރުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ގުޅިފައިވާ އެހެނިހެން މުވައްޒަފުންނަށް ފަންނީ އެހީތެރިކަމާއި ތަމްރީނު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިން ފޯ ކޯޕަރޭޝަން އިން ދި އޭރިއާ އޮފް ސައިބާ ސެކިއުރިޓީ" އަކީ ދެ ގައުމުގެ ދެމެދުގައި ސައިބާ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ފޮރިން މިނިސްޓްރީ އަދި އިންޑިއާގެ އިންޑިއަން މިނިސްޓްރީ އޮފް ރެއިލްވޭސް، ކޮމިއުނިކޭޝަންސް އެންޑް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީއާ ދެމެދު ވި އެއްބަސްވުމެއް ކަމަށެވެ.
މި އެއްބަސްވުމުގެ ތެރެއިން ސައިބާ ސެކިއުރިޓީއާ ގުޅުންހުރި ކަންކަމުގައި އެއްބާރުލުން ދިނުން އިތުރުކުރުމާއި ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް މައުލޫމާތު ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ، ދެ ގައުމުގެ ދެމެދު މިއަދު ބަދަލުކުރި "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިން އޮން ކޮލެބޮރޭޝަން އިން ޕޮޓެންޝަލް ފިޝިން ޒޯން ފޯކާސްޓް ކެޕޭސިޓީ ބިލްޑިންގ" އަކީ އިކޮނޮމިކް މިނިސްޓްރީ އަދި އިންޑިއާގެ މިނިސްޓްރީ އޮފް އާތް ސައިންސަސްއާ ދެމެދު ވި އެއްބަސްވުމެއް ކަމަށެވެ..
ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ދެން ބަދަލުކުރި އެއްބަސްވުން "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިން އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ޑިޒާސްޓާ މެނޭޖްމަންޓް" އަކީ ދިވެހިރާއްޖޭގެ ފިނޭންސް މިނިސްޓްރީ އަދި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާ ދެމެދު ވި އެއްބަސްވުމެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި އެއްބަސްވުމުގެ ތެރެއިން ކާރިސާގެ ހާލަތްތައް ބެލެހެއްޓުމުގައި ދެގައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
ރައީސް އޮފީހުން ބުނީ، ޕޮލިސް އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ފިނޭންސް މިނިސްޓްރީއާއި އެކްސްޕޯޓް އިމްޕޯޓް ބެންކް (އެގްޒިމް ބެންކް) އޮފް އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ ކަމަށެވެ.
“އެހުމެއް ކެހުމެއް ނެތި ލޯނުނަގައިގެން ރައްޔިތުން ދަރުވާލާ މީހަކަށް މަށެއް ނުވާނަން”-: (ސޯލިޙު ރިޔާސީ ކެންޕޭނުގަ). ދެން ލޯނު ނުނަގާތޯ އާއި ރައްޔިތުން ދަރަނިވެރި ނުވޭތޯ ވިސްނާނީ ހަމަ ރައްޔިތުން.