ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ދެކޮޅަށް ފުލުހުން އޮޕަރޭޝަނެއް ހިންގުމަށް ރޭވި ކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން އެކަން ދޮގު ކޮށްފައިވަނީ ރައީސް ނަޝީދުއާ ދެކޮޅަށް ބޮޑު އޮޕަޜޭޝަނެއް ފުލުހުން ރޭވި ކަމަށް ބުނެ ނޫހެއްގައި ގެނެސްފައިވާ ހަބަރަކާ ގުޅިގެންނެވެ.

އެ ނޫހުގައި ލިޔެފައިވަނީ ރައީސް ސޯލިހު ޒިނޭ ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ލިބިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން، އެމަނިކުފާނާއި ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގަން ތައްޔާރުވުމަށް ފުލުހުންނަށް ސަރުކާރުން އަންގާފައިވާ ކަމަށެވެ. އަދި އޭގެފަހުން އެ އޮޕަރޭޝަން ހުއްޓާލުމަށް ސަރުކާރުން ފުލުހުންނަށް އަންގާފައިވާ ކަމަށްވެސް ވަނީ ލިޔެފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އެ ހަބަރުގައި ފުލުހުންނާއި ގުޅޭގޮތުން ލިޔެފައިވާ ހުރިހާ ވާހަކައަކީވެސް އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ދޮގު ވާހަތަކުން ދައުލަތުގެ މުއައްސަސާތަކުގެ ގަދަރު ކުޑަކުރާ ކުރުމުން އެއްކިބާވެ، ޒިންމާދާރު ނޫސްވެރިކަން އިސްކުރެއްވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.