މަންކީޕޮކްސްއަށް ޓެސްޓް ކުރުމަށް ބޭނުންވާ ޓެސްޓް ކިޓް ދުނިޔޭގެ ސިއްްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ މަންކީޕޮކްސްއަށް ޓެސްޓްކުރުމަށް ބޭނުންވާ 250 ޕީސީއާރު ޓެސްޓް ކިޓް ލިބިފައިވާ ކަމަށެވެ. އަދި އިތުރު ޓެސްޓް ކިޓްތަކެއް ކުރިއަށްއޮތް ހަފްތާގެ ތެރޭގައި ވެސް ޑަބްލިއުއެޗްއޯގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދާދި ފަހުން ރާއްޖެއިން މަންކީ ޕޮކްސްއަށް ޝައްކު ކުރެވޭ މީހަކު ފެނި ވަނީ އެކަހެރި ކޮށް، ޓެސްޓުކޮށްފައެވެ. ނަމަވެސް އެ ޓެސްޓް ނެގެޓިވްވުމުން އެމީހާ މިހާރު ވަނީ ދޫކޮށްލާފައެވެ.

ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ނަމަވެސް ކޮވިޑާ ބަލާއިރު، އެ ބަލި ފެތުރުމުގެ ފުރުސަތު ބޮޑީ ވަރަށް ގައިގޯޅިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައި ކަމަށްވުމުން، އެ ބަލި ފެތުރޭ ގޮތާއި މިންވަރު ތަފާތުވާނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މި ބަލި އާންމުކޮށް ފެންނަނީ ފިރިހެނުންގެ މެދުގައި ހާއްސަކޮށް އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައި ކަމަށް ވިޔަސް އަންހެނުންނާއި ކުޑަކުދިންގެ މެދުގައި ވެސް މަދު މިންވަރަކަށް މިބަލި ފެނެއެވެ.

އަލަށް ފެތުރެމުންދާ ގައުމުތަކުގައި މި ބަލި ފެތުރެނީ ވަކި ޖަމާއަތްތަކެއްގެ މެދުގައި ކަމަށްވި ނަމަވެސް ބަލި ފެތުރޭ ގޮތް ތަފާތުވުމާ ގިނަ ގައުމުތަކުގައި ހަލުވި ކަމާއެކު ފެތުރިގެން ދިއުމަކީ ޑަބްލިއުއެޗްއޯއިން ކަންބޮޑުވާ ކަމެކެވެ.

އެހެންކަމުން އެޗްޕީއޭއިން ވަނީ މަންކީޕޮކްސް އިން ރައްކާތެރިވުމަށްޓަކައި ބައެއް ފިޔަވަޅުތައް އަޅަން އިލްތިމާސްކޮށްފައެވެ. އެކަންކަމަކީ:

  • މަންކީޕޮކްސްގެ އަލާމާތެއް ފެނިއްޖެ ނަމަސިއްހީ ހިދުމަތްތެރުއަކަށް ދެއްކުން
  • އެހެން މީހުނާ ގައިގޯޅިވުމުން ދުރުވެ އެކަހެރިވުން
  • އަތް ދޮވުމާއި މާސްކް އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން

މަންކީޕޮކްސް ފެތުރޭ ގޮތް:

  • ނޭވާލާ ނިޒާމުގެ ތެރެއިން
  • ބަލި ޖެހިފައިވާ މީހާގެ ހަމުގައި ހުންނަ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހިގެން
  • ބަލި މީހާ ގެންގުޅޭ އަންނައުނު ފަދަ ތަކެތީގައި ޖެހުން

މާބަނޑު ދުވަސްވަރު ޖެހިއްޖެ ނަމަ :ހުން އައިސް، ގައިގައި ރިއްސައި، ވަރުބަލިވެ، ގޮށްލުން

އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 78 ގައުމަކުން، މަންކީޕޮކްސްގެ 18000 އަށްވުރެ ގިނަ ކޭސް ރެކޯޑް ކޮށްފައި ވާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ހާމަ ކޮށްފައެވެ.