ޔޯގާ ދުވަސް ފާހަގަ ކުރަން ގަލޮޅު ދަނޑުގައި ތިއްބާ، ދިވެހި ޒުވާނުންގެ ބަޔަކު ދަނޑަށް ވަދެ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މުހައްމަދު ފައިސަލްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ޓެރަރިޒަމާއި ހުއްދަ ނޫން ތަނަކަށް ވަނުމާއި މާރާމާރީ އަދި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުކޮށް ފައިސަލް ހައްޔަރުކޮށްފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. އެ މައްސަލައާ ގުޅިގެން މީގެ ކުރިންވެސް ފައިސަލް ހައްޔަރުކުރި ނަމަވެސް ކޯޓު އަމުރުގައި ބައެއް ކަންކަން އުނިވެފައި ހުރުމުން ހައްޔަރުކުރުމުގެ އިޖުރާއާތު ގޯސްކޮށް އޮތުމުން ވަނީ ދޫކޮށްލާފައެވެ.

ދަނޑަށް ވަދެގަނެ ހަމަނުޖެހުން ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ ތެރޭގައި ފައިސަލް ހިމެނޭ ކަމަށާއި ފުލުހުންގެ ބެރިކޭޑް ފަޅާލައި ޔޯގާ އިވެންޓުގެ ބައިވެރިންގެ ފަހަތުން ދުވެ އިންޒާރު ދީފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އަދި

ޔޯގާގެ ހަރަކާތް ކުރިއަށް ދިޔަ ވަގުތު ބަޔަކު އަރައިގަނެ ހަމަނުޖެހުން ހިންގާފައި ވާއިރު ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި ނަމަވެސް އޭގެ ތެރެއިން ބައެއް މީހުން ވަނީ ދޫކޮށްލާފައެވެ. ފުލުހުން ބުނި ގޮތުގައި، އެ މީހުން ދޫކޮށްލާފައި ވަނީ ތަހްގީގުގައި ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައެވެ. ނަމަވެސް، އެ މައްސަލައިގެ ތަހްގީގު އަދިވެސް ކުރިއަށްދާނެ ކަމަށް ފުލުހުން ބުންޏެވެ.

ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިހް ފަޒްލޫން ބިން މުހައްމަދު އަދި ޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ވެސް ހައްޔަރުކުރިއެވެ. މިމަހު 19 ވަނަ ދުވަަހު ޝައިހް ނިޝާންގެ ބަންދުގެ މުއްދަތު 16 ދުވަހަށް ވަނީ އިތުރުކޮށްފައެވެ. އަދި ފަޒްލޫން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ.

އެ މައްސަލައިގައި ޝައިހް ފަޒްލޫނާއި ޝައިހް ނިޝާންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ހިފަހައްޓާފައެވެ.