އެއްޖިންސުން ގުޅުން ހިންގާތަން ފެންނަ ވީޑިއޯތަކެއް ސޯސަލް މީޑިއާގައި ދައުރުވެފައި ވާއިރު އެކަމުގެ ތުހުމަތުގައި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ކާނަލް ނަޝީދު ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރިއާއެކު ދިވެހިން އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ދައުރުވެފައި ވާއިރު އެ މައްސަލައާ ގުޅިގެން މިހާތަނަށް ކާނަލް ނަޝީދުގެ އިތުރުން ގާނޫނީ ވަކީލް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއުގެ ވަނީ ހައްޔަރު ކޮށްފައެވެ.
މީގެ އިތުރުން އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ރާއްޖެޓީވީގައި ކުރިން މަސައްކަތް ކުރި ނޫސްވެރިއެއް ކަމަށްވާ އަބްދުﷲ ނަސީރު އިބްރާހިމް ހައްޔަރު ކޮށްފައި ވާއިރު ނަސީރުގެ ވީޑިއޯއިން ފެންނަނީ އަލަމްގިރްއެއް ނޫނެވެ.
ނާޒިމްގެ މައްޗަށް 7 ދުވަހުގެ ބަންދުގެ މުއްދަތެއް އިއްޔެ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުން ޖަހާފައި ވާއިރު މި މަހުގެ 13 ވަނަ ދުވަހު އަލަމްގިރިވެސް ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައި ވަނީ ވީޑިއޯ ނަގާ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައެވެ.