އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ސޯސަލް މީޑިއާގައި ދައުރުވެފައިވާއިރު އެކަމުގެ ތުހުމަތުގައި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ހައްޔަރުކޮށްފިއެވެ.
ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރިއާއެކު ގިނަ ބަޔަކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ދައުރުވެފައިވާއިރު އޭގެ ތެރޭގައި ކާނަލް ނަޝީދު ކަމަށް ބެލެވޭ މީހަކާއި ގާނޫނީ ވަކީލް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހެއްވެސް ހިމެނެއެވެ. އޭގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ ފުލުހަކާ އެކު އަލަމްގިރި އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ އެހެން ވީޑިއޯއެއްވެސް ވަނީ ދައުރުވެފައެވެ.
އެ މައްސަލައާ ގުޅިގެން އަލަމްގިރި އާއި ކާނަލް ނަޝީދު އަދި ނާޒިމް ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. އަދި ނާޒިމް ސައްތާރު ފުލުހަށް ހާޒިރުކޮށް ބަޔާންވެސް ވަނީ ނަގާފައިވާއިރު އަބްދުއްރަހްމާން ރަފީއު ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށް އޭނާގެ ޖިނާއީ އަދި ޑިސިޕްލިނަރީ މައްސަލަ ދަނީ ބަލަމުންނެވެ.
އެ މައްސަލާގައި ކާނަލް ނަޝީދާއި ނާޒިމް ސައްތާރުގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު ހައްޔަރުކުރަން މިއަދު މެންދުރު ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވާ ކަން " ދަ ޕްރެސް" އަށް ވަނީ ކަށަވަރުވެފައެވެ.
މި މަހުގެ 13 އަލަމްގިރި ހައްޔަރުކޮށްފައިވާއިރު އޭނާ ހައްޔަރުކޮށްފައިވަނީ ވީޑިއޯ ނަގާ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައެވެ.
މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި އިތުރު ފިރިހެނަކާއި އަންހެނަކު ކަމަށް ބެލެވޭ މީހަކު ބަރަހަނާ ހާލުގައި އޮތް ފޮޓޮއަކާއި ރާއްޖެޓީވީގައި ކުރި މަސައްކަތްކުރި ނޫސްވެރިއެއް ކަމަށްވާ އަބްދުﷲ ނަސީރު އިބްރާހިމް ކަމަށް ތުހުމަތުކުރާ މީހެއްގެ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވެސް ވަނީ ލީކްވެފައެވެ.