ވީޑިއޯ ގޭމް ކުޅުމުގެ ސަބަބުން ކުރު މުއްދަތުގައި ނަފްސާނީ ސިއްހަތަށް ކުރަނީ، ފާހަގަ ކުރެވޭ ވަރަށް ވުރެ ކުޑަ އަސަރެއް ކަމަށް އޮކްސްފޯޑް ޔުނިވާސިޓީއިން ކުރިއަށް ގެންދިޔަ ވަރުގަދަ ދިރާސާއަކުން ދައްކައިފިއެވެ.

އޮކްސްފޯޑް އިންޓަނެޓް އިންޓަނެޓް އިންސްޓިޓިއުޓްގެ ރިސާޗަރެއް ކަމަށް ވާ އެންޑްރޫ ކޭ ޕްރިޒީބީލްސްކީ ވިދާޅުވީ، ގޭމް ގުޅުމާއި ނަފްސާނީ ދުޅަހެޔޮ ކަމާ ދެމެދު ގުޅުމެއް އޮތް ކަމަށް ހެކި ލިބިފައި ވަނީ ވަރަށް ކުޑަ މިންވަރަކަށް ކަމަށެވެ.

ދިރާސާ އެކުލަވާލާފައި ވަނީ ވީޑިއޯ ގޭމް ކުޅޭ 38935 ބައިވެރިއެއްގެ ގާތުން އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އެގޮތުން ގޭމް ކުޅުމުގައި ބައިވެރިން ހޭދަ ކުރި ވަގުތާއި، ބައިވެރިންގެ ނަފްސާނީ ދުޅަހެޔޮކަން ހުރި މިންވަރު ގިންތިކޮށް، ވަޒަން ކޮށްފައި ވެއެވެ.

ދިރާސާގެ ބައިވެރިން ގޭމް ކުޅުމުގައި ހޭދަ ކުރި ވަގުތު، ރިސާޗަރުންނާ ހިއްސާ ކޮށްފައި ވަނީ ސީދާ ސޮނީ، މައިކްރޮސޮފްޓް އަދި ނިންޓެންޑޯއިންނެވެ. އެގޮތުން 6 ހަފުތާގެ މުއްދަތުގެ ތެރޭގައި، ކޮންމެ 2 ހަފުތާއަކުން ބްރޭކެއް ނެގުމަށްފަހު ބައިވެރިން ގޭމް ކުޅުމުގައި ހޭދަ ކުރި ވަގުތުގެ މައުލޫމާތު ހިއްސާ ކޮށްފައިވެއެވެ.

ވީޑިއޯ ގޭމް ކުޅުމާ ދެކޮޅަށް ގިނަ އިންޒާރުތަކެއް ނެރެ، އެކަމަކުގެ ސަބަބުން ސިއްހީ ސިޔާސަތުތަކުންވެސް އެކަން ފެންނަމުންދާ ކަމަށް ރޯޔަލް ސޮސައިޓީއިން ޝާއިއު ކޮށްފައި ވާ ދިރާސާގައި ފާހަގަ ކޮށްފައި ވެއެވެ.

އެގޮތުން ޗައިނާގައި ވީޑިއޯ ގޭމް ކުޅުމުގެ ފުރުސަތު، ކުޑަކުދިންނަށް އޮންނަނީ ހަފުތާގެ ހުކުރު، ހޮނިހިރު އަދި އާދީއްތަ ދުވަހު އެކަންޏެވެ. އެއީވެސް ދުވާލަކު އެންމެ 1 ގަޑިއިރަށެވެ.

ކަން މިހެން އޮތް ނަމަވެސް ގޭމް ކުޅުމުގައި ހޭދަ ކުރާ ވަގުތުގެ ސަބަބުން ނަފްސާނީ ސިއްހަތަށް އަސަރު ފޯރާ ކަމަށް އެއްވެސް ވަރަކަށް ނުދައްކައޭވެސް ބުނެވިދާނެ ކަމަށް ދިރާސާގައި ބަޔާން ކޮށްފައިވެއެވެ. ނަމަވެސް މިއީ ވަގުތީ ހޯދުންތަކެއް ކަންވެސް ދިރާސާގައި ފާހަގަ ކޮށްފައިވެއެވެ.