އަންހެނެއްގެ އަތުން އައިފޯން 11 ޕްރޯއެއް ފޭރިގަތް މައްސަލައެއްގައި ދެ މީހެއްގެ މައްޗަށް ޖުމްލަ 97،000 ރުފިޔާއިން ޖޫރިމަނާ ކުރަން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލައަކީ ސެޕްޓެންބަރު 1، 2020 ވަނަ ދުވަހުގެ ރޭގަނޑު 8:21 ހާއިރު އަލިކިލެގެފާނު މަގުން ހުރަސް ކުރި އަންހެނެއްގެ އަތުގައި އޮތް އައިފޯނު 11 ޕްރޯ، ސައިކަލެއްގައި ދިޔަ ދެ ފިރިހެނަކު ޖަހައިގެން މައްސަލައެވެ.

އެ ދެ މީހުންވެސް ވަނީ އެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިއުތިރާފް ވެފައެވެ. އެ ދެ މީހުންގެ ތެރެއިން އެކެއްގެ މައްޗަށް ކުށް ސާބިތުވުމުން އައި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމް ޖޫރިމަނާއަށް ބަދަލުކުރުމުން 43،200 ރުފިޔާއިން ޖެހުނު ނަމަވެސް ބަންދުގައި ހޭދަކުރި 11 ދުވަސް ކަނޑާ ޖޫރިމަނާގެ ފައިސާގެ ގޮތުގައި ދައްކަން ޖެހެނީ 41،000 ރުފިޔާއެވެ.

ދެވަނަ މީހާގެ މައްޗަށް 9 މަހާއި 18 ދުވަހުގެ ހުކުމެއް އައި އިރު އެ އަދަބު ޖޫރިމަނާއަށް ބަދަލުކުރުމުން 57،600 ރުފިޔާ ޖެހެއެވެ. ނަމަވެސް އެ މުއްދަތުން އޭނާ ބަންދުގައި ހޭދަކުރި 8 ދުވަސް އުނިކުރުމަށް ފަހު ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހެނީ 56،000 ރުފިޔާއެވެ.

ކްރިމިނަލް ކޯޓުން ބުނެފައި ވަނީ އެ ދެ މީހުންގެ އަދަބުގެ ގޮތުގައި ދައްކަން ކަނޑައަޅާފައި ވާ ޖޫރިމަނާ ކަމުގައިވާ 97،000 ރުފިޔާ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން 10 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި ކޯޓަށް ދައްކަން ޖެހޭނެ ކަމަށެވެ.