މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ މަންކީޕޮކްސް ފެތުރޭ ގޮތް ބަލައި، ރާއްޖޭން އެ ބަލިން ރައްކާތެރިވުމަށްޓަކައި ތައްޔާރީތައް ވަމުންދާ ކަމަށް، އެޗްޕީއޭއިން ބުނެފިއެވެ.

މަންކީޕޮކްސް އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވާން ޖެހޭ މިންވަރަކަށް ފެތުރެމުންދާ ސިއްހީ ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވަނީ އިއްޔެއެވެ.

އެ ބަލި ރާއްޖެއަށް އައުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ ނެރުނު ބަޔާނުގައި އެޗްޕީއޭއިން ބުނީ، މަންކީޕޮކްސް ފެތުރެން ފެށުމާއެކު، އެ ބަލި ފެތުރޭ ގޮތް ބަލައި، ރާއްޖޭން އެ ބަލިން ރައްކާތެރިވުމަށްޓަކައި ފުރިހަމައަށް އިޖާބަދީ، ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެގޮތުން އެޗްޕީއޭއިން ކުރަމުންދާ ބައެއް ކަންކަމަކީ:

  • ސިއްހީ ހިދުމަތްތެރިން މަންކީޕޮކްސް އަށް އަހުލުވެރި ކުރުވުން
  • އެ ބައްޔަށް ޓެސްޓުކުރެވޭނެ ގޮތް ގާއިމްކުރުމުގެ މަސައްކަތް ކުރުން
  • ސާވައިލަންސް ހަރުދަނާކޮށް، ފަރުވާ ކުރުމާ ބެހޭ އުސޫލުތަކެއް އެކުލަވާލުން
  • ވެކްސިނާއި ބޭސް ލިބޭނެ ގޮތް ބަލައި ހޯދުން

އެ އިދާރާއިން ޑަބްލިއުއެޗްއޯ އާ ހަވާލާދީ ބުނި ގޮތުގައި، ދުނިޔޭގެ ނިސްބަތުން މަންކީޕޮކްސްގެ ނުރައްކާތެރިކަން އޮތީ މެދުމިނުގައެވެ. އަދި މަންކީޕޮކްސްގެ ނުރައްކާ މިވަގުތު އެންމެ ބޮޑީ ވިލާތުގެ ގައުމުތަކުގެ މެދުގައި ކަމަށްވާއިރު، އެ ބަލި ކުރިން ފެތުރިފައިވާ ގައުމުތަކުގައި ފެންނަ ގޮތާ ހިލާފަށް އަލަށް ފެންނަ ގައުމުތަކުގައި ބަލި ފެތުރެމުންދާ ގޮތް ތަފާތުކަން ފާހަގަކުރެވޭ ކަމަށް ބުންޏެވެ.

ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ނަމަވެސް ކޮވިޑާ ބަލާއިރު، އެ ބަލި ފެތުރުމުގެ ފުރުސަތު ބޮޑީ ވަރަށް ގައިގޯޅިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައި ކަމަށްވުމުން، އެ ބަލި ފެތުރޭ ގޮތާއި މިންވަރު ތަފާތުވާނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މި ބަލި އާންމުކޮށް ފެންނަނީ ފިރިހެނުންގެ މެދުގައި ހާއްސަކޮށް އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައި، ނަމަވެސް އަންހެނުންނާ ކުޑަކުދިންގެ މެދުގައި ވެސް މަދު މިންވަރަކަށް ފެނިފައިވޭ

އަލަށް ފެތުރެމުންދާ ގައުމުތަކުގައި މި ބަލި ފެތުރެނީ ވަކި ޖަމާއަތްތަކެއްގެ މެދުގައި ކަމަށްވީ ނަމަވެސް ބަލީގައި ހާލު ދެރަވާ މިންވަރު ކުޑަ ނަމަވެސް ބަލި ފެތުރޭ ގޮތް ތަފާތުވުމާ ގިނަ ގައުމުތަކުގައި ހަލުވި ކަމާއެކު ފެތުރިގެން ދިއުމަކީ ޑަބްލިއުއެޗްއޯއިން ކަންބޮޑުވާ ކަމެއް

އެހެންކަމުން އެޗްޕީއޭއިން ވަނީ މަންކީޕޮކްސް އިން ރައްކާތެރިވުމަށްޓަކައި ބައެއް ފިޔަވަޅުތައް އަޅަން އިލްތިމާސްކޮށްފައެވެ. އެކަންކަމަކީ:

  • މަންކީޕޮކްސްގެ އަލާމާތެއް ފެނިއްޖެ ނަމަސިއްހީ ހިދުމަތްތެރުއަކަށް ދެއްކުން
  • އެހެން މީހުނާ ގައިގޯޅިވުމުން ދުރުވެ އެކަހެރިވުން
  • އަތް ދޮވުމާއި މާސްކް އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން

މަންކީޕޮކްސް ފެތުރޭ ގޮތް:

  • ނޭވާލާ ނިޒާމުގެ ތެރެއިން
  • ބަލި ޖެހިފައިވާ މީހާގެ ހަމުގައި ހުންނަ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހިގެން
  • ބަލި މީހާ ގެންގުޅޭ އަންނައުނު ފަދަ ތަކެތީގައި ޖެހިގެން
  • މާބަނޑު ދުވަސްވަރު ޖެހިއްޖެ ނަމަ ބަނޑުގައިވާ ދަރިފުޅަށް

އަލާމާތްތައް:

  • ހުން އައިސް، ގައިގައި ރިއްސައި، ވަރުބަލިވެ، ގޮށްލުން
  • ހަމުގައި ބިހިނެގުން، އާންމު ގޮތެއްގައި ފެންނާނީ ލަދުވެތި ގުނަވަންތަކާއި އަނގައިގެ ވަށައިގެން ބިހި ނަގާފައި ހުންނަ މަންޒަރު
  • ބިހިތައް ފުރަތަމަ ފެންނާނީ ފަތިކޮށް، ނަމަވެސް ފަހުން ފޮޅަށްވެ، ފޮޅު ފަޅައިގެން ކުރަ ލައި
  • ކުރަ ވެއްޓެން ދެން ބަލިމީހާގެ ފަރާތުން އެހެން މީހުނަށް ބަލި ފެތުރުމުގެ ފުރުސަތު ބޮޑު

ޑަބްލިއުއެޗްއޯގެ ތަފާސްހިސާބަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް 72 ގައުމަކުން 14،000 އަށް ވުރެ ގިނަ މީހުނަށް މަންކީޕޮކްސް ޖެހި، އޭގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފައެވެ.