ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އަމުރުކުރުމަށް އެދިފައިވަނީ، ނޫސްވެރިޔާގެ ނޫސްވެރިކަމުގެ މަސައްކަތަށް ހުރަސްއަޅައި ދަތިކުރުމުގެ މަގްސަދުގައި ނޫން ކަމަށާއި ނޫސްވެރިންނަށް ހިމާޔަތް ދޭނެ ކަމަށް މި ސަރުކާރުން ބުނެފިއެވެ.
ސަރުކާރުން މިހެން ބުނީ ހެއްކާ ބެހޭ ބިލް ތަސްދީގު ކުރުމުން ނޫސްވެރިކަމަށް ހުރަސް އެޅޭ ގޮތަށް މި ސަރުކާރުން އަމަލު ކުރަމުން ދާ ކަމަށް ބުނެ މި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެންނެވެ.
ހެއްކާ ބެހޭ ގާނޫނާ ގުޅޭ ގޮތުން މިރޭ ރައީސް އޮފީހުން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ، 40 އަހަރަށްފަހު ފާސްކުރެވުނު މި ގާނޫނު އެކުލަވާލުމާއި ދިރާސާ ކުރުމުގެ މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަރަށް ގިނަ ފަރާތްތަކާއެކު ނުހަނު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ކަމާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދާފައިވާ ކަމަށެވެ.
އެގޮތުން ގާނޫނު ނަންބަރު 2022/11 (ހެއްކާބެހޭ ގާނޫނު) ގެ 136 މާއްދާގެ (ހ) ގައި، ނޫސްވެރިޔާއަށް ނުވަތަ މީޑިއާ އޭޖެންސީއަށް މައުލޫމާތު ހާމަކުރުމަށް މަޖުބޫރުކުރުން މަނާކޮށްފައި ވަނީ، މައުލޫމާތު ދިން ފަރާތް ސިއްރުކުރުމުގެ ވައުދެއް، ނުވަތަ ޔަގީން ކަމެއްގެ މައްޗަށް ބިނާކޮށް، ނޫސްވެރިޔާ މައުލޫމާތު ހޯދާފައިވާ ހާލަތެއްގައި ނަމަ، އެ މައުލޫމާތެއް ދިން ފަރާތުގެ ރުހުމާ ނުލައި އެ މައުލޫމާތެއް ދިން ފަރާތް ހާމަ ނުކުރެވޭ ގޮތަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ ގާނޫނުގައި އެ އުސޫލުން އިސްތިސްނާވާ ދެ ކަމެއް ކަނޑައަޅައިފައިވާ ކަމަށާއި އެއީ، ނޫސްވެރިޔާ ހާމަކުރާ މައުލޫމާތަކީ ޓެރަރިޒަމްގެ ކުށްތައް ނުވަތަ ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކާ ގުޅޭ މައުލޫމާތެއް ކަމަށް ވުން ކަމަށް ބުނެއެވެ.
އެފަދަ މައުލޫމާތެއް ހިމެނޭ ހާލަތްތަކުގައި ވެސް، މަސްދަރު ހާމަކުރުމުގެ ހުއްދަ ކޯޓު އަމުރަކުން ދެވޭނީ، ހެއްކާބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކާއި ސަބަބުތަކަށް ރިއާޔަތްކޮށް، މަދަނީ މިންގަނޑުން އެކަންކަން ސާބިތުވާނަމަ ކަމަށް އެ ބަޔާޏުގައި ބުނެއެވެ. އެގޮތުން، އެ މާއްދާގައި މަސްދަރު ހާމަކުރުމުގެ ހުއްދަ ދިނުމުގައި ފަނޑިޔާރު ރިއާޔަތް ކުރަން ޖެހޭ ކަންކަމުގެ ފުރިހަމަ ލިސްޓެއް ގާނޫނުގައި ހިމަނައިފައިވާ ކަމަށް އެ ބަޔާޏުގައި ބުނެއެވެ. އެ ކަންކަމަކީ:
- ޓެރަރިޒަމްގެ ކުށެއް ނުވަތަ ޤައުމީ ސަލާމަތާ ގުޅުންހުރި ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަން
- ފުރާނައަށް ނުވަތަ ޖިސްމަށް ނުވަތަ މުދަލަށް ކުއްލި ނުރައްކަލެއް އޮތްކަމެއްކަން
- ނޫސްވެރިޔާ މަސްދަރު ހާމަނުކުރުމުގެ މަޞްލަޙަތަށްވުރެ އެ މަސްދަރު ހާމަކުރުމުގެ އާންމު މަޞްލަޙަތު މާބޮޑު ޙާލަތެއްކަމަށް އެ ޙާލަތުވާކަން
- ނޫސްވެރިޔާ މަސްދަރު ހާމަނުކުރުމުގެ ސަބަބުން، ކުށުގެ ތުހުމަތުކުރެވޭ ނުވަތަ ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ކޮށްފައިވާ ކުށުގެ ތުހުމަތުން އޭނާއަށް ބަރީއަވެވޭނެގޮތް ނުވެ، އޭނާގެ މައްޗަށް ނާއިންސާފު ޙުކުމެއްކޮށް ނުޙައްޤު އަދަބެއް ލިބުމުގެ ފުރުޞަތު ބޮޑުކަން
- ނޫސްވެރިޔާގެ މަސްދަރު އެނގުމަކީ މައްސަލައަށް ކޮންމެހެން މުހިއްމުވާ އަދި މައްސަލައާ ސީދާ ގުޅުންވާ ކަމެއްކަމަށްވާކަން
- ނޫސްވެރިޔާ ނުވަތަ އޭނާ ނޫސްވެރިކަމުގެ ވަޒީފާ އަދާކުރާ ތަން މެދުވެރިނުކޮށް، ނޫސްވެރިޔާގެ މަސްދަރު އެނގުމަށް ކުރެވެންހުރި އެންމެހައި މަސައްކަތެއް އެކަށީގެންވާ މިންވަރަށް ކޮށްގެންވެސް އެ މަސްދަރު އެނގިފައި ނުވާކަން؛
- ނޫސްވެރިޔާ މަސްދަރާ ހަވާލާދީ ހާމަކުރި މަޢުލޫމާތަކީ އޭގައި އެއްވެސް އަސާސެއް އެކުލެވިގެން ނުވާ މަޢުލޫމާތެއްކަން އެނގެން އޮތް މަޢުލޫމާތަކަށް އެ މަޢުލޫމާތު ނުވާކަން
- ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އަމުރުކުރުމަށް އެދިފައިވަނީ، ނޫސްވެރިޔާގެ ނޫސްވެރިކަމުގެ މަސައްކަތަށް ހުރަސްއަޅައި ދަތިކުރުމުގެ މަޤުޞަދުގައި ނޫންކަން.
ހެއްކާބެހޭ ޤާނޫނުގައި، ނޫސްވެރިޔަކު އޭނާއަށް ލިބުނު މައުލޫމާތުގެ މަސްދަރު ހާމަކުރަން ޖެހޭ ފަދަ އަމުރެއް ނެރުމުގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ނުކުތާތަކަށް ކޯޓުތަކުން ރިއާޔަތް ކުރަން ގާނޫނުގައި ލާޒިމުކޮށްފައި ވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މަސްދަރު ހާމަކުރުމަށް ކޯޓަކުން ކޮށްފައިވާ އަމުރު، މަތީ މަރުހަލާގެ ކޯޓުތަކުގައި (ހައިކޯޓު އަދި ސުޕްރީމް ކޯޓުގައި) އިސްތިއުނާފު ކުރުމުގެ ފުރުސަތު ނޫސްވެރިޔާއަށް ވެސް ލިބިގެންވާނެ ކަމަށް އެ އޮފީހުން ބުނެއެވެ.
އެގޮތުން ނޫސްވެރިންނަށް ހިމާޔަތް ދިނުމާއި، ގާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއާއި، 29 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބިދޭ ހައްގުތައް ރައްކާތެރި ކުރުމާއެކު، ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީ، މިނިވަން ނޫސްވެރިކަން ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތެއް ސަރުކާރުން އަބަދުވެސް ކުރަމުންގެންދާނެ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.